ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުން 205 ސިޔާސީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރެއްވީ މިއަދު ހަވީރު 4 ޖެހިއިރު ޓީވީއެމްގެ ސްޓޫޑިއޯގައި ލައިވްކޮށް ބޭއްވުމަށް ހަމަޖެހުނު ނޫސްވެރިންގެ ބައްދަލުވުން ކެންސަލްވުމާ ގުޅިގެން، ޕީއެސްއެމް ގޯތިތެރޭގައި ހުންނަ ކެފޭގައި ނޫސްވެރިންނާއެކު ބޭއްވި ނުރަސްމީ ސައި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން މިހާތަނަށް ވަކިކޮށްފައިވަނީ 15 މިނިސްޓްރީއެއްގެ ހަތަރު ފަންތިއެއްގެ މަގާމުތަކުގައި ތިބި މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ސްޓޭޓް މިނިސްޓަރުން
  • ޑެޕިއުޓީ މިނިސްޓަރުން
  • ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން
  • ޕޮލިޓިކަލް ޑައިރެކްޓަރުން

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަރުހަލާ އަދި ނުނިމޭ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ފަރާތްތައް ވަކިކުރަމުންދާނެ ކަމަށެވެ. ނަމަވެސް، މި ވަގުތު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ ޖުމްލަ އަދަދު ހާމަކުރައްވާނީ މުޅި މަރުހަލާ އެއްކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 922 މުވައްޒަފުން ތިބި ކަމަށް ރައީސް އޮފީހުން ކުރިން ހާމަކޮށްފައިވެ އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅަމުންދާ މި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށް މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި އެވެ. އެހެންނަމަވެސް، އެސްއޯއީތައް ވެސް ރައިޓްސައިޒް ކުރުމުގެ ގޮތުން މީހުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ފަދަ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުން އަންނައިރު، ހާއްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި ހުންނަ ފެނަކަ ބްރާންޗުތަކުން ފަހަކަށް އައިސް ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ސަރުކާރުން ސިޔާސީ މަގާމުތައް މަދު ކުރާކަމަށް ބުނި ނަމަވެސް، މިހާރުވެސް ގެންދަނީ ސިޔާސީ ގޮތުން ވަޒީފާތައް ދެމުންކަން ފާހަގަކޮށްލެވެ އެވެ. ސިޔާސީ މަގާމުތަކުން ވަކި ކުރާ ބައެއް ފަރާތްތަކަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް ހަމަޖައްސަމުން ދާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.