ރާއްޖޭގައި ހުރި މީހަކު މަކުނު ވިދުރި އަށް ޝައްކު ކުރެވޭތީ ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ޔަގީންކޮށް ދީފަ އެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި ޓެސްޓް ކުރަނީ ރާއްޖެ އިން ބޭރުން އައި ބިދޭސީއެކެވެ. އޭނާ މިވަގުތު ހުރީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ކަރަންޓީންކޮށްފަ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔޭގައި އިމަޖެންސީ އިއުލާން ކުރުމަށް ނިންމައިފައެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި މަކުނު ވިދުރި އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެ. މިހާތަނަށް ބަލި ޖެހިފައިވާ 98 އިންސައްތަ މީހުންނަކީ މި ގްރޫޕަށް ނިސްބަތްވާ މީހުންނެވެ.

ރާއްޖޭގައި މިދުވަސްވަރު ވަނީ ގިނަ އަދަދަކަށް ލިވާތު ކުރާ މީހުން ތިބިކަން ހާމަވެފަ އެވެ.