އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ޑިޕްލޮމެސީގެ މަގުން ނިމުމަކަށް ގެނައުމަށް ތެހެރާނުން އަދިވެސް އުންމީދުކުރާ ކަމަށް އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވި ނަމަވެސް، އެ ގައުމުން ހުށަހަޅާ ޝަރުތުތަކަކީ އެމަނިކުފާނަށް ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގެ ސަރުކާރު ހިއްސާވާ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އަރަގްޗީ ވިދާޅުވީ، މެދުވެރިން މެދުވެރިކޮށް އީރާނާއި ވޮޝިންޓަނާ ދެމެދު މެސެޖުތައް ބަދަލުކުރެވެމުންދާ ކަމަށެވެ. އަދި އީރާނުން އެދެނީ އިތުރު ހަނގުރާމައަކަށް މަގުފަހިނުވާނެ ފަދަ އެއްބަސްވުމެއް ގާއިމުކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ކުރިން ވޮޝިންޓަނުން މަޝްވަރާތަކަށް ސީރިއަސްކަން ދައްކުވައިދޭ ޔަގީންކަމެއް ބޭނުންވާ ކަމަށާއި، އިތުބާރު ގާއިމުކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މެދުވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ދެބަސްވުންތައް މިގޮތަށް ހިނގަމުންދާއިރު، މެދުއިރުމަތީގެ ހަމަޖެހުން ގެއްލި، ކަނޑުދަތުރުފަތުރަށް ބުރޫއަރައި، ތެލުގެ އަގުތައް އުފުލި އަދި ސަރަހައްދުގެ ގިނަ ގައުމުތަކެއް ވަނީ މި ހަނގުރާމައިގެ ތެރެއަށް ވެއްދިފަ އެވެ. މި ހަނގުރާމަ ހުއްޓުވުމަށް ޑިޕްލޮމެޓިކް ފެންވަރުގައި އަދިވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އީރާނުގެ "ރަތް ރޮނގުތަކާ" ގުޅޭގޮތުން އަރަގްޗީ ވިދާޅުވީ، އެ ގައުމުގައި މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ބެހެއްޓުމަކީ އީރާނުން ދޫނުދޭނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އިންސާފުވެރި ހައްލެއް ހޯދިދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. "އަޅުގަނޑު ގަބޫލުކުރަނީ ނިއުކްލިއާ މާއްދާތަކުގެ މައްސަލާގައި އަޅުގަނޑުމެންގެ ގައުމީ މަސްލަހަތު ހިމާޔަތްކުރެވޭ، އަދި ގައުމުގެ ބޭނުންތައް ފުއްދައިދެވޭ ފަދަ އިންސާފުވެރި ހައްލަކަށް ވާސިލުވެވިދާނެ ކަމަށް،" އަރަގްޗީ ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި މީގެކުރިން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުން އެ ޔުރޭނިއަމް ޑައިލިއުޓްކުރުން ފަދަ އަމަލީ ހައްލުތަކެއް ހުށަހަޅާފަ އެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިންއިރު، އީރާނުގައި 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 440.9 ކިލޯގްރާމްގެ ޔުރޭނިއަމް ހުރި ކަމަށް އައިއޭއީއޭ އިން ލަފާކުރެ އެވެ. ނަމަވެސް މި ހަމަލާތަކަށްފަހު އޭގެ ތެރެއިން ސަލާމަތްވީ ކިހާ މިންވަރެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

"އެމީހުން އެއްބަސްވުމަކަށް އަންނަން ބޭނުންވޭ، އެކަމަކު އެމީހުން ބޭނުންވަނީ އަޅުގަނޑަށް ބަލައިގަނެވޭނެ ފަދަ އެއްބަސްވުމެއް ނޫން،" ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވި އެވެ.

ފާއިތުވި ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، ރައްދުގައި އީރާނުން ވަނީ އިޒްރޭލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން، ގަތަރާއި އީރާނުގެ އޮފިޝަލުން އަންގާރަ ދުވަހު ވަނީ ބައްދަލުކުރައްވާފަ އެވެ. ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މި ބައްދަލުވުމުގެ މަގުސަދަކީ ދެފަރާތުގެ ވިސްނުންތައް އެއްގޮތްކޮށް، ހުށަހެޅިފައިވާ ކަންކަމުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަކުރުން ކަމަށެވެ.