މި މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕްރައިމަރީއަކާ ނުލައި އެ ޕާޓީގެ ޓިކެޓް ދިނުމުގެ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

މި މަހުގެ 19-21 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ ކޮންގްރެސްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމާނެ ކަމަށް އޮތީ ވާހަކަ ދެކެވިފަ އެވެ. ޕާޓީގެ ކޮންޓްރޯލް އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުން ބޭނުން ވަނީ، ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓުގައި ދެ ވަނަ ދައުރަކަށް އެމަނިކުފާނު ވާދަކުރެއްވުމަށް ކޮންގްރެސްގައި ޓިކެޓް ދޭން ކަމުގެ ތުހުމަތު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ކުރި އެވެ.

"ރިޔާސީ ޓިކެޓާ ގުޅޭ އެއްވެސް އިސްލާހެއް ނެތް،" ކޮންގްރެސްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ހޮވިފައިވާ އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވި އެވެ.

މި ތުހުމަތު އެންމެ ބޮޑުވީ، އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނާއި އޭގެ ފަހުން ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވުމުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ވެސް ވަނީ ނިންމަވައިފަ އެވެ. ނަމަވެސް މިހާތަނަށް އެ ދެ ބޭފުޅުން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެމްޑީޕީގެ ޓިކެޓް ހޯދަން އެއްވެސް ހުށަހެޅުމެއް އެ ޕާޓީއަށް ހުށަހަޅާފައެއް ނުވެ އެވެ.

އިބްރޭ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކަނޑައަޅާ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ ޕާޓީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށެވެ. އަދި ކޮންގްރެސްގައި އަސާސީ ގަވައިދަށް ބައެއްް އިސްލާހުތަކެއް ގެނައުމަށް ހަމަޖެހިފައިވާ އިރު، ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޕްރައިމަރީއާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސާސީ ގަވައިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ބަންދުވެފައި. އަސާސީ ގަވައިދުގައި އޮތީ ރިޔާސީ ޕްރައިމަރީއެއް ބާއްވަަން. ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަސް ކަނޑައެޅުމާއި ރިޔާސީ ޕްރައިމަރީގެ ކަންކަން ހިންގުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ނެގުމަކީ ގައުމީ މަޖިލީހުގެ ޒިންމާއެއް،" އެމްޑީޕީ ގައުމީ މަޖިލީހުގައި މަތި އުތުރު ޕްރޮވިންސްގެ ރައީސްކަން ވެސް ކުރައްވާ އިބްރޭ ވިދާޅުވި އެވެ.

"2010 ވަނަ އަހަރު ބޭއްވި ކޮންގްރެސްގައި އެ ގޮތަށް އަމަލުކޮށްގެން [ކުރިން ހުށަނާޅާ އިސްލާހުތައް] އަސާސީ ގަވައިދަށް އެބަހުރި ވަރަށް ދެރަ ގޮތް ގޮތަށް ބަދަލު ގެނެސްފައި. އޭގެ ފަހުން އެ ގޮތަށް އަމަލެއް ނުކުރަން."

އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. އޭގެ އިތުރުން، އެމްޑީޕީގެ ރައީސްކަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.