(2 ޑިސެމްބަރ 2020) - މިދިޔަ ހަފްތާގައި ޓެރެރިސްޓުން ދިން ހަމަލާއެއްގައި މަރުވި އިރާންގެ ނިއުކްލިއަ ސައިންޓިސްޓް މުހުސިން ފަހްރިޒާދޭގެ މަރުގެ ފަހަތުގައި ވަނީ އިޒްރޭލް ކަމަށް އެންމެ ފުރަތަމަ ވެސް ތުހުމަތު ކުރި އެވެ. އިރާންގެ ހާރިޖީ ވަޒީރު ޖަވާދު ޒަރީފް ވެސް ތުހުމަތު ކުރެއްވީ އެ ނުބައި ފިނޑި އަމަލުގެ ފަހަތުގައި ވަނީ އިޒްރޭލް އާއި އެމެރިކާ އެވެ.
ނިއުޔޯކް ޓައިމްސް އިން އިޒްރޭލްގެ އިސް އިންޓެލިޖެންސް އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކުރި ގޮތުގައި ފަހްރިޒާދޭގެ މަރަށް މުޅި ދުނިޔެއިން އިސްރާއިލަށް ޝުކުރު އަދާކުރަން ޖެހޭނެ ކަމަށެވެ.
ސައިންޓިސްޓް މަރާލުމުގެ ތުހުމަތު އިޒްރޭލް އަށް އަމާޒުވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އިޒްރޭލް އިން ކިތަންމެ ވަރަކަށް މިފަދަ ހަމަލާތަށް ހިންގާކަމަށް އެއްބަސް ނުވިޔަސް ހަގީގަތަކީ އިޒްރޭލްއަކީ މިދަފަ ހަމަލާތަށް ދިނުމުގެ މަޝްހޫރު ބައެކެވެ. މިއީ އެތަކެއް އަހަރުތަކެއް ވަންދެން އެމީހުން ކުރަމުން އަންނަ ކަމެކެވެ.
އިރާންގެ ނިއުކްލިއަ ޕްރޮގްރާމަށާއި އަދި މި ޕްރޮގްރާމްގައި އިސްކޮށް ހަރަކާތްތެރިވާ މީސްމީހުންނަށް އަމާޒުކޮށްގެން ރޭވިގެން ހަމަލާތަށްދެމުން ގެންދާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެއެވެ. މިދަފަ ހަމަލާތަކުގައި އިރާންގެ ހަތަރު ސައިންޓިސްޓުން ވަނީ 2010 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމަޔަށް މަރާލާފަ އެވެ. އަދި އެއް ސައިންޓިސްޓަކު މިފަދަ މަރުގެ އެތިފަހަރަކުން ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
ކުއަންޓަމް ފީލްޑް ތިއޮރިސްޓް އަދި ތެހެރާން ޔުނިވާސިޓީގެ ޕްރޮފެސަރު މަސްއޫދު އަލީ މުހައްމަދީ މަރާލީ ބޮމުގެ ހަމަލާއެއް ދީގެން 12 ޖެނުއަރީ 2010 ގަ އެވެ. މި ހަމަލާދިން ކަމުގެ ތުހުމަތުގައި އިޒްރޭލުގެ ސިއްރު ފުލުހުންގެ މީހަކު ވެސް ހައްޔަރުކުރި އެވެ. މީނާ ފަހުން މިކަމަށް އެއްބަސްވުމުން ވަނީ މެރެމަށް ހުކުމް ކޮށްފަ އެވެ.
މި ހަމަލާއަށް ދިހަ މަސްފަހުން އިރާނުގެ އެޓޮމިކް އެނާޖީ އޮގަނައިޒޭޝަންގައި މަސައްކަތްކޮށްފައިވާ ނިއުކްލިއަ ސައިންޓިސްޓް މާޖިދު ޝާރިއަރި ވެސް ވަނީ ބޮމުގެ ހަމަލާއެއްގައި މަރާލާފަ އެވެ.
އިރާންގެ ފިޒިކްސް ޕްރޮފެސަރު ދާރިއަޝް ރެޒާނިޖާދު މަރާލީ އޭނާގެ ގޭގެ ކުރިމަތީގައި ބަޑީގެ ހަމަލާއަކުން 23 ޖުލައި 2011 ގަ އެވެ. އަދި މިފަދަ ހަތަރުވަނަ ހަމަލާގައި ނަތަންޒް ނިއުކްލިއަ ޕަވަޕްލާންޓްގެ ނިއުކްލިއަ ސައިންޓިސްޓް މުސްތަފާ އަޙްމަދީ ރޮސާން މަރާލާފައި ވަނީ އޭނާގެ ކާރުކޮޅުގައި ގޮވާ ޒާތުގެ ތަކެތި ހަރުކޮށްގެންނެ އެވެ.
މިއިން އެއްވެސް ހަމަލާއެއް ދިންކަމަށް އިޒްރޭލުން އެއްވެސް އިރެއްގައި އެއްބަހެއް އެވެ. ނަމަވެސް ނުސީދާގޮތުން މިކަމަށް ބާރުލިބޭ ވާހަކަ އެއް އިޒްރޭލުގެ ޑިފެންސް މިނިސްޓަރަކަށް 2013 އިން 2016 އަށް ހުރި މޮޝޭ ޔާލުން ދިން އިންޓަވިއުއެއްގައި ދައްކާފައިވެ އެވެ.
އޭނާ ފާހަގަކުރި ގޮތުގައި އިޒްރޭލުން އެއްވެސް ހާލަތެއްގައި އިރާނަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ދެކޭކަށް ބޭނުމެއް ނޫނެ އެވެ. އިޒްރޭލުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެކަމެއް ވެސް އިޒްރޭލުން ކުރާނެ އެވެ.
2013 ވަނަ އަހަރުން ފެށިގެން މިފަދަ ހަމަލާތައް މަދުވި ސަބަބެއް ކަމަށް މާހިރުން ފާހަގަކުރަނީ އެމެރިކާގެ ރައީސްގެ ގޮތުގައި ހުންނެވި ބަރަކް އޮބާގެ ޕްރެޝަރާހެދި އެވެ. އޮބާމާ ޚިޔާރުކުރެއްވީ ބާރުގެ ބޭނުން ނުކޮށް ވާހަކަ ދައްކައިގެން އިރާންގެ ނިއުކްލިއަ މައްސަލައަށް ހައްލެއް ހޯދުމަށެވެ.
އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ހުއްޓުވުމަށް އިޒްރޭލުން މަސައްކަތްކުރަނީ ހަމައެކަނި ނިއުކްލިއާ ސައިންޓިސްޓުން މަރާލައިގެންނެއް ނޫނެ އެވެ. 2010 ވަނަ އަހަރު އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާންގެ ކިއުކްލިއަ ފެސިލިޓީސްތަކުގެ ކޮމްޕއިޓަރުތަކަށް އަމާޒުކޮށްގެން ސައިބާ ހަމަލާތަކެއް ދީފައިވެ އެވެ. މިހަމަލާތަކުގައި އިރާންގެ މައި އެންރިޗްމެންޓް ޕްލާންޓްގެ 1،000 ސެންޓްރިފިއުޖަށް ގެއްލުންވި އެވެ.
މެދުއިރުމަތީގެ ހަބަރުތައް ދިރާސާ ކުރައްވާ ފަރާތްތަކުން ހާމަކުރާގޮތުގައި އިޒްރޭލުގެ މިފަދަ އަމަލުތަކަކީ އެމެރިކާގެ އައު ރައީސް ޖޯ ބައިޑެން އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސިޔާސަތުތަކަށް ތަބާވާ އަދި އިރާންގެ ނިއުކްލިއަ ޕްރޮގްރާމާއި ދެކޮޅު ބޭފުޅަކަށް ނުވާތީ ކަމަށްވެ އެވެ. އެހެންކަމުން މިއެއްބަސްވުން ބައިޑެންގެ ސަރުކާރުން އިއާދަކޮށްފާނެތީ އިޒްރޭލުން ދަނީ ފާޅުކަން ބޮޑު ގޮތެއްގައި ނުރުހުން ފާޅުކުރަމުންނެވެ. --އަލްޖަޒީރާ