130 ކިލޯގެ ޑްރަގު މައްސަލައިގައި އިސްކޮށް ހުރި ކަމަށް ފުލުހުން ތުހުމަތު ކުރާ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހިމް ޝަރީރަތް ނިމެންދެން ބަންދުގައި ބެއްހެޓުމަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އާތީއްދަ ދުވަހުގެ ހެނދުނު 9:00 އަށް ވަނީ ތާވަލް ކޮށްފަ އެވެ.

ޝަހީބު ހައްޔަރު ކުރީ، މިދިޔަ މަހު ހުޅުމާލޭ ފަޅު ތެރޭގައި އޮތް މަސްދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމަށް އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް 14 ދުވަހަށްފަހު، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ދޫކޮށްލި އެވެ. ކްރިމިނިލް ކޯޓުން އޭނާ ދުކޮށްލުމުން ފަހުން ހައި ކޯޓުގެ އެ މައްސަލަ އިސްތިއުނާފު ކުރި އެވެ. މިހާރު އެވަނީ އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ޝަހީބަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވިލިނގިލި ދާއިރާއަށް ވާދަކުރެއްވި މީހެކެވެ. މަސްތުވާތަކެތީގެ މައްސަލާގައި އޭނާގެ އިތުރުން އިތުރު ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ޝަހީބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ޝަހީބާ ޖާމިނުކޮށް، އީރާން ހަތް މީހުން ވެސް ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު ވަނީ އެ ޕާޓީގެ ކައުންސިލް މެމްބަރުކަމުން ސަސްޕެންޑުކޮށްފަ އެވެ.

ޝަހީބު އިސްވެ އީރާނު ބޯޓު މިހާރު ސަފާރީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކ. ހިންމަފުށީގައި ކުރަމުންދާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.