ޕްޔަންގްޔޭންގް (17 އޮގަސްޓް) - ކޮވިޑް-19 ބަލިމަޑުކަމުގެ މައްޗަށް އުތުރު ކޮރެއާއިން ކުރި ހޯދާފައިވާ ކަމަށް ބުނެ އެގައުމުގެ ސަރުކާރުން ކޮވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދީފި އެވެ.
އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ލުޔަކަށް ވެފައިވަނީ އެގައުމުގެ ހުރިހާ އާއްމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި އޮތް އޮތުން އުވާލައި މާސްކާ ނުލާ އާއްމު ތަންތަނުގައި އުޅެވޭ ގޮތް ހެދުމެވެ.
އެގޮތުން ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން އާއްމު ތަންތަނުގައި އުޅޭއިރު މާސްކް އަޅަން ނުޖެހޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.
އުތުރު ކޮރެއާއިން މި އިއުލާން ކޮށްފައި މިވަނީ އުތުރު ކޮރެއާގައި ކޮވިޑް 19 ފެތުރެން ފެށީ ދެކުނު ކޮރެއާއިން ރާވައިގެން ހިންގި ސިޔާސަތެއްގެ ދަށުން ކަމަށް އެގައުމުން ތުހުމަތު ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. މިކަމާ ގުޅިގެން އުތުރު ކޮރެއާއިން ވަނީ ދެކުނު ކޮރެއާއަށް އިންޒާރު ވެސް ދީފަ އެވެ.
މާސްކު އެޅުމަށް ލުއި ދިނުމުގެ އިތުރުން ވެސް ބޯޑަރު ސަރަހައްދުތަކުގައި ނޫނީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި ކޮވިޑް 19އާ ގުޅުންހުރި އިތުރު ފިޔަވަޅުތަކަކަށް ވެސް ވަނީ ލުއިތަކެއް ދީފަ އެވެ.
"ކޮވިޑް 19އާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދެވިފައިވަނީ މި ބަލިމަޑުކަމުގެ ސަބަބުން އާއްމު ސިއްހަތަށް އިތުރު ނުރައްކަލެއް ނެތް ކަމަށް ސަރުކާރަށް ގަބޫލު ކުރެވުމުން" އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެ އެވެ.
އުތުރު ކޮރެއާއިން ކޮވިޑް 19ގެ މައްޗަށް ކުރި ހޯދާފައިވާކަން އެގައުމުގެ ރައީސް ކިމް ޖޮންގް އުންގް އިއުލާން ކުރެއްވީ މިދިޔަ މެއި މަހު އެގައުމުން ކޮވިޑްގެ އެންމެ ފުރަތަމަ ކޭސް ފެނުނުތާ އެންމެ ދެތިން މަސް ތެރޭގަ އެވެ.
އުތުރު ކޮރެއާގައި އޭޕްރިލް މަހާ ހަމައަށް 4.8 މިލިއަން މީހުން ހުން އައިސްގެން ޑޮކްޓަރަށް ދެއްކި ނަމަވެސް ކޮވިޑް 19އަށް ޕޮޒިޓިވްވި ކަމަށް އެގައުމުނު ބުނެފައިވަނީ ވަރަށް މަދު މީހެކެވެ. އަދި މި ހުމާ ގުޅިގެން މަރުވި ކަމަށް ރިޕޯޓު ކޮށްފައި ވަނީވެސް އެންމެ 74 މީހުންނެވެ.
މިކަމާ ގުޅިގެން ކޮވިޑް 19ގެ ބަލި ދިރާސާކުރާ ފަރާތްތަކުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ އުތުރު ކޮރެއާއިން އާއްމުކުރި ކޮވިޑް 19ގެ ތަފާސް ހިސާބުތަކާ މެދު ސުވާލު އުފައްދާފަ އެވެ.
އުތުރު ކޮރެއާއަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ ބަލިކަށި ސިއްހީ ނިޒާމެއް އޮތް އެއް ގައުމު ކަމަށް މާހިރުން ބުނެ އެވެ. -- އަލް އަރަބިއްޔާ