ކޮލަމްބޯ (19 އޮގަސްޓް) - ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ކުރީގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އަނބުރާ ގައުމަށް ގެނައުމުގައި އެހީވެދިނުމަށް މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަގެ އަރިހުން އެގައުމުގެ ވެރިކަން ކުރާ ޕާޓީއިން އެދެފި އެވެ.

ސްރީލަންކާގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ގޮޓަބަޔަ ވަނީ މިދިޔަ މަހު ސިންގަޕޫރަށް ވަޑައިގެން ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެއަށްފަހު މަޖިލީހުގެ އަޣުލަބިއްޔަތުން ރައީސްކަމާ ހަވާލުވެވަޑައިގަތީ ރަނިލް ވިކްރަމަސިންހަ އެވެ.

ސްރީލަންކާއަށް މިދިޔަ 70 އަހަރު ތެރޭ ވެސް ކުރިމަތިނުވާ ފަަދަ އިގްތިސާދީ އަޑިގަނޑަކަށް އެގައުމު ވެއްޓުމުގައި ގޮޓަބަޔަގެ އިހުމާލު އޮތް ކަމަށް ބުނެ އާއްމުން ވަނީ އޭނާއާ ދެކޮޅަށް ކެމްޕެއިނެއް ފަށާފަ އެވެ.

ސްރީލަންކާގެ ވެރިކަންކުރާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއިން ބުނީ ރާޖަޕަކްސަ އަނބުރާ ގައުމަށް ގެނައުމަށް އެހީވުމަށް އެދި ވިކްރަމަސިންހަގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. ހަބަރުތައް ގޮތުގައި ރާޖަޕަކްސަ މިހާރު ހުރީ ތައިލެންޑްގަ އެވެ.

"ގޮޓަބަޔަ އަނބުރާ ގައުމަށް އަންނަަން ބޭނުންވާ ސެކިއުރިޓީއާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައިދޭން ރައީސްގެ އަރިހުގައި ދަންނަވާފައިވާނެ" ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި ޖެނެރަލް ސެކެޓްރަރީ ސަގަރަ ކަރިޔަވަސަމް ވިދާޅުވި އެވެ.

އަންނަ ހަފްތާގެ ތެރޭގައި ރާޖަޕަަކްސަ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ސްރީލަންކާގެ ނޫސްތަކުން ބުނި ނަމަވެސް އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ބުރާސްފަތި ދުވަހު ވިކްރަމަސިންހަ ވިދާޅުވެފައިވެ އެވެ.

ރާޖަޕަކްސައަކީ ރައީސްކަމުގެ ދައުރު ފުރިހަމަ ނުކުރައްވަައި މަގާމުން އިސްތިއުފާ ދެއްވެވި ސްރީލަންކާގެ ފުރަތަމަ ރައީސެވެ. -- ދަ ގާޑިއަން