ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ބަރުދަން ލުއި ކުރެވޭނީ ވަރުގަދައަށް ޑައިޓް ކޮށް، ދުވަން ނުވަތަ ޖިމަށް ގޮސް އެވަރަށް ކަސްރަތުކޮށްގެންނެވެ. ބައެއް މީހުންގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ޖިމަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި ބައެއް މީހުންނަށް މިއީ ފޫހިކަމެކެވެ.
އެފަދަ މީހުންނަށް ބުނެލަން އޮތީ، ބަރުދަން ލުއިކުރަން ކޮންމެހެން ކަމާކަން ފަށައި، ޖިމަށް ދާކަށް ނުޖެހޭކަމެވެ. އޭގެ ބަދަލުގައި ދިރިއުޅުމުގެ ބައެއް އާދަތައް ބަދަލުކޮށްގެން އެކަން ހާސިލުކުރެވިދާނެ އެވެ. މި ހިއްސާކޮށްލަނީ ބައެއް ޓިޕްސްތަކެވެ.
ޔޯގާ ހެދުން
ޔޯގާ ހެދުމަކީ ގޭގައި ހުރެގެންވެސް ކޮށްލެވިދާނެ ކަމެކެވެ. ޔޫޓިއުބުން ޔޯގާ ހަދާނެ ގޮތުގެ ގިނަ ވީޑިއޯތައް ހުރިކަމުގައި ވިޔަސް ފަށައިގަންނައިރު އެންމެ ރަނގަޅުވާނީ އެކަމުގެ މާހިރެއްގެ ލަފާހޯދައިގެން އެކަން ކުރުމެވެ. މިހާރު އޮންލައިންކޮށް ޔޯގާ ދަސްކޮށްދޭ ކްލާސްތައް ވެސް ހުރެ އެވެ.
ގޭގައި 30 މިނެޓު ޔޯގާ ހެދުމަކީ އެއްގަޑިއިރު ޖިމްގައި ކަސްރަތުކުރުމަށް ވުރެ ފައިދާ ބޮޑު ކަމެކެވެ.
ހެނދުނުގެ ނާސްތާ ދޫކޮށްނުލާތި
ބަރުދަން ލުއި ކުރަންށޭ ބުނެ ހެނދުނުގެ ނާސްތާ ނުނަގާ ދޫކޮށްލާ ވަރަށް ގިނަ މީހުން އުޅެ އެވެ. މިއީ ކެލޮރީސް މަދުކޮށްލަން ކަމަށް ބުނެ ކުރާކަމަކަށް ވާއިރު އޭގެ ސަބަބުން ދެން ދުވާލުގެ އެކި ގަޑި ގަޑީގައި މާ ގިނައިން ކެލޮރީސް ކެވޭގޮތްވެ އެވެ.
ގަސް ހެއްދުން
ގަސް ހައްދާ ބެލެހެއްޓުމަކީ ފަސޭހަކަމެއް ނޫނެވެ. ގަސްތަކަށް ފެންދީ، ވެލި ބަދަލުކޮށް މިފަދަ ކަންތަކުން ހަށިގަނޑަށް ކަސްރަތު ލިބޭނެ އެވެ. ދުވާލަކު ބައި ގަޑިއިރަށް މި މަސައްކަތުގައި އުޅެލެވުނަސް އެއީ ބައިވަރު ކަސްރަތެވެ.
ނިއުޓްރިޝަން އާ މެދު ވިސްނުން
ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށްޓަކައި ތިމާ ކާ ކާނާއަށް ބަލަންޖެހެ އެވެ. އަދި ދުވާލެއްގެ މައްޗަށް ކާ އެއްޗެހީގައި ހަމަ ހަމަ މިންވަރަކަށް ޕްރޮޓީން، ވިޓަމިން، ކެލްޝިއަމް އަދި ކާބޯހައިޑްރޭޓްސް ހިމެނެން ޖެހޭނެ އެވެ. އޭރުން ބަރުދަން ލުއިކުރަން ފަސޭހަވެގެންދާނެ އެވެ.
ފޮނި ކާއެއްޗެހި ކެއުން މަދުކުރުން
ހަކުރު ހިމެނޭ އެއްވެހި ކެއުމަކީ ތިމާ ވަރަށް ގިނަ ބަލި ބައްޔަށްވެސް ހުށައެޅިގެންދާ ކަމެކެވެ. އަހަރެމެންނަށް ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 15 ސައިސަމްސާގެ ހަކުރު ކެވެ އެވެ. ބައެއް ފަހަރު ނޭނގި މިއަށްވުރެ އިތުރަށް ވެސް ކެވެ އެވެ. އެހެން ކަމުން ހަކުރު ކެވޭވަރު ބަލައިގެން އުޅުން މުހިއްމެވެ.
ހަމަ ނިދި ނިދުން
ކަސްރަތު ކުރުމާއި އެއްވަރަށް ނިދި ހަމަކުރުމަކީ ބަރުދަން ލުއި ކުރުމަށް ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ފަހުން އަނެއްކާ ވެސް ބަރުދަން އިތުރުވުމުން ދުރުކޮށްދޭނެ ކަމަކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަމަ ނިދި ނުލިބޭ މީހުން ފަލަވުމުގެ ފުރުސަތު 55 އިންސައްތަ ބޮޑެވެ.
ގިނައިން ފައިބާ އެކުލެވޭ ކާނާ ކެއުން
ބަރުދަން ލުއި ކުރުމަށްޓަކާ ގިނަ އަދަދަކަށް ފައިބާ އެކުލެވޭ ކާނާ ކެއުން މުހިންމެވެ. ފައިބާ ހިމެނޭ ކާއެއްޗެހި ކެއުމުން ގިނައިރު ބަނޑުހައިނުވެ ހުރެ އެވެ. މީގެ ސަބަބުން ކެވޭ ވަރު މަދުވެ ބަރުދަން ލުއި ކުރުމަށް އެހީއަކަށް ވެގެންދާނެ އެވެ.
ގިނައިން ފެންބުއިން
ދުވާލެއްގެ މައްޗަށް 0.5 ލީޓަރުގެ ފެން ބޯ ނަމަ ތި ބާން ކުރެވޭ ކެލޮރީސްގެ އަދަދު 24-30 އިންސައްތައާއި ހަމައަށް އިތުރުވެގެން ދެ އެވެ. މީގެ އިތުރުން ކެއުމުގެ ކުރިން ފެންތައްޓެއް ބޯނަމަ ކެލޮރީސް ކެވޭ ވަރު މަދުވާނެ އެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކެއުމުގެ ބައިގަޑި އިރު ކުރިން ފެންބޯ މީހުންގެ ބަރުދަން ލުއިވާ މިންވަރު ތިން މަސްތެރޭގައި 44 އިންސައްތަ އިތުރުވެފައިވެ އެވެ.
މީގެ އިތުރުން ރޭގަނޑުގެ ކެއުން މާ ލަސްކޮށްލާފައި ކެއުމަކީ ބަރުދަން އިތުރުވާ ކަމެކެވެ. އެހެން ކަމުން ރޭގަނޑުގެ ކެއުން ވީހާވެސް އަވަސްކށް، އަދި ލުއި ކުރުމަށް ސަމާލުކަން ދޭންވާނެ އެވެ.
މަތީގައި މި ބަޔާންކުރެވުނު ކަންތައް ގަވައިދުން ކުރަން ފަށައިފި ނަމަ ބަރުދަން ލުއިވާނެ ކަމާއި މެދު ޝައްކެއް ނެތެވެ.