ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންނަށް މަސައްކަތް ނިންމުމަށްފަހު އެނބުރި ރަށަށް ދެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އެއޮތީ އިސްލާހުކޮށްފަ އެވެ. އެކަމާ އުފާކުރާ ކޮންމެ ވެސް ބަޔަކު ތިބޭނެ އެވެ. ހާއްސަކޮށް ކުރުނބާ މޯލްޑިވްސް އާއި ބަނޑޮސް ކަހަލަ މާލެ ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިއީ އުފާވެރި ޚަބަރަކަށް ވެދާނެ އެވެ.

އެކަމަކު ސުވާލު އުފެދޭ ހިސާބަކީ މިއެވެ؛ ނ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތްކުރާ އައްޑޫ މީހަކު ޑިއުޓީ ނިންމާފައި "ނައިޓަށް" ރަށަށް ދެވޭނެތޯ އެވެ. އެއަށްވުރެ ކައިރިން ގދ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި މަސައްކަތްކުރާ ފުވައްމުލަކާއި އައްޑޫ މީހަކަށް ކޮންމެ ދުވަހަކު ރަށަށް ދިއުމަކީ ފަސޭހަ ކަމަށްވާނެ ހެއްޔެވެ؟ ނުވަތަ އެ އަތޮޅެއްގެ ބަޔަކަށް ވެސް ޑިއުޓީއަށްފަހު ކޮންމެ ރެއަކު އަމިއްލަ ޚަރަދުގައި ރަށަށް ދިއުމަކީ ކުރެވޭނެ ކަމެއް ހެއްޔެވެ؟ ގާނޫނު ހަދަނީ ވަކި ބަޔަކަށް އަމަލުކުރަން ހެއްޔެވެ؟ ނޫނެކެވެ. ގާނޫނު ހަދަނީ ހުރިހާ އެންމެން ވެސް އަމަލުކުރުން ލާޒިމްވާ ގޮތަށެވެ.

ޑިއުޓީ ނިންމާލުމަށްފަހު ނައިޓަށް ރަށަށް ދެވޭނެ ރިސޯޓްތަކެއް ނެތް ވާހަކައެއް ނޫނެވެ. މިހާރު ވެސް ބައެއް ރިސޯޓުތަކުން އެކަން މުވައްޒަފުންނަށް ކޮށްދެމުން ގެންދެ އެވެ. އެހެން ނަމަވެސް އެއީ ހުރިހާ ރިސޯޓަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޑިއުޓީ ނިންމާލުމަށް ފަހު ގިނަ އަދަދެއްގެ މުވައްޒަފުން ކޮންމެ ރެއަކު ރަށަށް ދާ ނަމަ ހުރިހާ މުވައްޒަފުންނަށް ބޭނުންވާ އެކޮމޮޑޭޝަނާއި ތިންއިރު ކެއުން ރިސޯޓުތަކުން ތައްޔާރުކުރުމުގެ ބޭނުމެއް ނެތެވެ. އަލަށް މިގެނައި ބަދަލާއެކު ބައެއް ރިސޯޓުތަކުން ނިދުމާއި ކެއުން ދޭނީ ކޮންމެހެން ރޭގަނޑު ދޭން ޖެހޭ ހިދުމަތްތަކަށް ބޭނުންވާ މުވައްޒަފުންނަށް އެކަނި ހެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުރުމަށާއި ކެއުމަށް ފައިސާ ދައްކަން ޖެހޭ ގޮތަށް މެނޭޖްމަންޓުން ބަދަލުކުރަންވީ ހެއްޔެވެ؟ އެގޮތަށް ހެދުމަކީ މާ ހަމަޖެހޭ ކަމަކަށް ނުވެދާނެ އެވެ. އެހެންކަމުން މީގެ ތެރެއިން ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟ ބަޔަކު ތިބޭނެ ކަމަށް ބަލައި ސްޓާފް ކުއާޓަރުތަކެއް ހަދައި ތިން އިރަށް ކައްކައި ކެއުންތައް ތައްޔާރުކުރަންވީ ހެއްޔެވެ؟ މިހިރީ ހައްތަހާ ވެސް ދިމާވެދާނެ މައްސަލަތަކެވެ.

ވައުދެއް ފުއްދުމުގެ ގޮތުން ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނައިރު މިފަދަ ކަންތައްތަކަށް ވިސްނާލަން ޖެހެ އެވެ. މިއީ ދެކޮޅު ނުޖެހޭ އިސްލާހެކެވެ. މި އިސްލާހާ ގުޅިގެން މައްސަލަތައް ފެންނަން ފަށާނީ ގިނަ ރިސޯޓްތަކެއް އަލުން ހުޅުވި ހިދުމަތް ދޭން ފެށުމުންނެވެ.

ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ ވޯޓު ހޯދަން ވިޔަސް ސަރުކާރުން ވައުދުވާން ވާނީ ދެކޮޅު ޖެހޭ ގޮތަށް ކުރެވޭނެ ކަންތައްތަކުގެ ވާހަކަ އެވެ. މިހާރު މިގެނައި ބަދަލާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ އެތައް ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ މަލާމާތް ކުރަމުންނެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެކްޓްރީތަކުގައި މަސައްކަތްކުރާ މީހުން ޑިއުޓީ ނިންމާލުމަށްފަހު އެއްގަމު މަގުން ދިގު ދަތުރުކޮށްފައި ރޭގަނޑު ގެއަށް ދިޔަ ނަމަވެސް ރާއްޖޭގައި ކަނޑު ހުރަސްކޮށް ކޮންމެ ރެއަކު އެ މީހަކު ދިރިއުޅޭ ރަށަށަކަށް ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މިއީ މިހާރު ވެސް ނެތް ފުރުސަތެއް ނޫނެވެ. ގާނޫނުން އެކަން ލާޒިމްކުރިޔަސް މިހާރެކޭ ވަކި ތަފާތެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.