ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އެއް ސްކޫލަކަށް ދެ ޕްރިންސިޕަލުން ހަމަޖައްސައިފި އެވެ.

ފުވައްމުލަކު ހާފިޒް އަހްމަދު ސްކޫލަށް ދެ ޕްރިންސިޕަލުން ހަމަޖެއްސީ ކީއްވެ ކަމެއް ސިވިލް ސާވިސް ކޮމިޝަނަކުން ނުބުނެ އެވެ. މިކަމާ ބެހެގޮތުން ވާހަކަދައްކަން އެޑިއުކޭޝަން މިނިސްޓްރީން ވެސް ބޭނުމެއް ނުވި އެވެ.

ހާފިޒް އަހްމަދު ސްކޫލްގައި މިހާރު ވެސް ޕްރިންސިޕަކު ހުއްޓައި ކުރިން އެ ސްކޫލުގެ ޕްރިންސިޕަލްކަން އަދާކުރި މުހައްމަދު ފަޔާޒް އެ ސްކޫލުގެ ޕްރިންސިޕަލްކަމަށް ވަނީ ހަމަޖައްސައިފަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ފަހުކޮޅު ބެލެނިވެރިންގެ ފަރާތުން ލިބުނު ޝަކުވާއަކާ ގުޅިގެން އޭރު ޕްރިންސިޕަލް ކަމުގައި ހުންނެވި ފަޔާޒް އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރި އެވެ. އޭގެފަހުން ދެން އޭނާ ބަދަލުކުރީ އއ. ފެރިދޫ ސްކޫލަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރުމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ފަޔާޒް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށްފަހު މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ޓްރިބިއުނަލުން ނިންމާފައިވަނީ ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުއްޓާ ގެނައި ބަދަލުތައް ބާތިލު ކަމަށާއި އެ ނިންމުން ނިންމި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ސްކޫލްގެ ޕްރިންސިޕަލް ކަމަށް އަލުން އޭނާ ކަނޑައެޅުމަށެވެ. އެ ނިންމުމަށް އަމަލުނުކޮށް ސިވިލް ސާވިސް ކޮމިޝަނުން އަމަލެއް ނުކުރި އެވެ. ދެން އޭނާ އެ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

ސިވިލް ކޯޓުން ހުކުމް ކުރީ ވަޒީފާއާބެހޭ ޓްރިބިއުނަލްގެ އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން 17 މެއި 2022 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހާފިޒް އަހްމަދު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ފަޔާޒް ބަދަލުކޮށް 29 މެއި 2022ގެ 12:00 ގެ ކުރިން ސިވިލް ކޯޓަށް ސިވިލް ސާވިސް ކޮމިޝަނުން އެކަން އެންގުމަށެވެ.