ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފަރަށް އެރި ޕްލެޓްމޯމުން ފަރަށް ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކޮށްފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު އެ ޕްލެޓްފޯމް ފަރަށް އެރުމުން ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ގެއްލުން ވެފައި ހުރީ ޕްލެޓްފޯމްގެ ފައިތަކުން ކަމަށެވެ. އަދި ފެންނަ ވަޅުގަނޑުތަކަކީ ފައިތަކުން ލިބިފައި ހުރި ގެއްލުން ކަމަށް ބެލެވޭ ކަމަށް ނައީމް ވިދާޅުވި އެވެ.

އީޕީއޭ އިން އާންމުކުރި ފޮޓޯތަކުން ފެންނަގޮތުގައި ފަރުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުއްޓެވެ. އޭގެ ތެރެއިން އެއް ވަޅުގަނޑު އެހެން ވަޅުގަނޑުތަކަށް ވުރެ ފުނެވެ.

ޑައިވަރަކު އެ ވަޅުގަނޑަށް ފައިބައި ހުރި އިރު އޭނާގެ އިސްކޮޅަށް ވުރެ އެ ތަން ފުނެވެ.

މި މައްސަލަ ބެލުމަށްފަހު ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނި ޖޫރިމަނާ ކުރާނެ ކަމަށް ބެލެވެ އެވެ.