ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލުން އެމްއާރުއައިގެ އެންމެ ފަހުގެ މެޝިން ރާއްޖެ ގެނެސްފި އެވެ.

މިއީ ތިން މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑު މެޝިނެކެވެ. މި މެޝިން އޭޑީކޭ އިން ރާއްޖެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

އެ މެޝިނުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމަށް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ބަލި ނުވަތަ މައްސަލަ ދެނެގަންނަން ފޮނުވާ ސިގްނަލް މާ ވަރުގަދަވާނެ އެވެ. އޭގެ ސަބަބުން މައްސަލަ އެންމެ ސާފުކޮށް ފެންނާނެ ކަމަށް އޭޑީކޭއިން ބުންޏެވެ.

އެ ޓެކްނޮނޮލޮޖީގެ އެހީގައި ކައްޓާއި ހުޅާއި ލިގަމެންޓާއި ލޭހޮޅިތަކާއި ސިކުނޑި އަދި މައިބަދައަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެވެ އެވެ.

ހަށިގަނޑުގެ އެންމެ އެތެރޭގައި ހުންނަ ގުނަވަންތަކަށް ވެސް ވާސިލްވެ، އެ ޓޮކްނޮލޮޖީގެ އެހީގައި ބަލި ދެނެގަނެވެ އެވެ.

ހަމައެހެންމެ ސްކޭން ކުރުމަށް ހޭދަވޭ ވަގުތު ވެސް ކުޑަ އެވެ.

ގަތަރު އެއާވޭސްގެ ފްލައިޓެއްގައި ގެނައި، ބިޔަ އަދި ބޮޑު މި މެޝިން އޭޑީކޭއާ ހަމައަށް ގެންދިއުމަށް 13 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެފައިވެ އެވެ.

އެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލާއި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި އޭޑީކޭގެ ޗެއާމަން އަހުމަދު ނާޝިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.