(6 ޑިސެމްބަރު) - ދުނިޔޭގެ މަޝްހޫރު ޓައިމް މަޖައްލާއިން މުޅިން އަލަށް އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުއްޖަކަށް ދޭ އެވޯޑް 15 އަހަރުގެ ގިތަންޖަލި ރާއޯ އަށް ލިބިއްޖެ އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކޮލަރާޑޯއަށް އުފަން ގިތަންޖަލީ ރާއޯ މިމަގާމަށް ހޮވިފައިވަނީ ވާދަކުރި 5،000 ވުރެ ގިނަ ކުދިންގެ ތެރެއިންނެވެ. ރާއޯ އަކީ ސައިންޓިސްޓެއްގެ އިތުރުން އުފެއްދުންތެރި ހުނަރުވެރިއެކެވެ.

އޭނާ ވަނީ ޓެކްނޮލޮޖީގެ އެކި އީޖާދުތައްކޮށްފަ އެވެ. އެގޮތުން ބޯން ބޭނުންކުރާ ފެނުގައި ލެޑް ހިމެނޭވަރު ދެނެގަނެވޭނެ އާލާތެއް އޭނާ ވަނީ އުފައްދާފަ އެވެ. އަދި ސައިބާ ބުލީ ކުރާ މީހުން ދެނެގެނެވޭނެ އެޕްލިކޭޝަނެއް ވެސް ވަނީ އުފައްދާފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަސްހޫރު އެކްޓަރު އެންޖެލީނާ ޖޯލީއާއެކު ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ރާއޯ ބުނިގޮތުގައި އޭނާގެ އުންމީދަކީ ދުނިޔޭގައި ހުރި މައްސަލަތައް ހައްލު ހޯދުމަށް މަސައްކަތް ކުރުމެވެ. އަދި މިފަދަ މަސައްކަތްކުރާނެ ބަޔަކު އުފެއްދުމެވެ.

"އަހަރެންގެ އުންމީދަކީ ހަމައެކަނި މައްސަލަތަކަށް ހައްލު ހޯދުމެއް ނޫން. އަހަރެން ބޭނުން މިކަހަލަ މަސައްކަތްކުރާނެ ބަޔަކު އުފެއްދުމަށް ކޮންމެވެސް ބަޔަކު އިންސްޕަޔާ ކުރަން. އަހަރެންނަކީ ނަމޫނާއަކަށް ވާން. އޭރުން މިކަހަލަ މަސައްކަތްކުރަން ފަސޭހަވާނީ،" އޭނާ ބުންޏެވެ.

ރާއޯ އިތުރަށް ފާހަގަކުރި ގޮތުގައި މީގެ ކުރިން ދިމާނުވާ ވަރަށް ގިނަ މައްސަލަތައް މިހާރު ކުރިމަތިވާ ކަމަށާއި، ނަމަވެސް އެންމެ ބޮޑު މައްސަލައަކީ ހައްލު ނުހޯދޭ ކުރީގެ މައްސަލަތައް މިހާރު ވެސް ދިމާވުވެ.

ޓައިމް މެގަޒިންއިން އެމީހުންގެ މަޝްހޫރު އަހަރުގެ ސަހްސިއްޔަތުގެ އެވޯޑް ދޭން ފެށީ 1927 ވަނަ އަހަރުގަ އެވެ.

އަހަރުގެ ޝަހުސިއްޔަތުގެ އެވޯޑަކީ އެއަހަރަކު އެންމެ ފާހަގަކޮށްލެވޭ ކަމެއް ކުރި މީހަކަށް ދެވޭ އެވޯޑެކެވެ. އެ މަޖައްލާއިން އަހަރުގެ އެންމެ ފާހަގަކޮށްލެވޭ ކުއްޖާގެ އެވޯޑް ދޭންފެށީ މިއަހަރު އެވެ. މިދިޔަ އަހަރުގެ ޓައިމް މަޖައްލާއިން އަހަރުގެ ޝަހުސިއްޔަތަކަށް ހޮވާފައިވަނީ މޫސުމީ ބަދަލުތަކަށް ވަކާލާތުކުރާ ސްވިޑިސް ކުއްޖެއްކަމަށްވާ ގްރެޓާ ތަންބާގް އެވެ.

އޭނާއަކީ ޓައިމް މަޖައްލާއިން އަހަރުގެ ޝަހުސިއްޔަތަކަށް ހޮވި އެންމެ ހަނގު ކުއްޖާ އެވެ. މިއަހަރުގެ ޝަހުސިއްޔަތަކަށް ހޮވޭ ފަރާތެއް އިއުލާން ކުރުން މިހަފްތާގައި އޮންނާނެ ކަމަށް ޓައިމް މަޖައްލާއިން ބުންޏެވެ. -- ބީބީސީ