މިސްރުގެ ޕިރަމިޑެއްގެ ކައިރީގައި ނެގި ފޮޓޯތަކެއް، "އަދަބީ މިންގަނޑު" ތަކަށް ނުފެތޭ ކަމަށް ބުނެ މޮޑެލްއަކާއި އެ ފޮޓޯތައް ނެގި ފޮޓޯގްރާފަރު ހައްޔަރުކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ސަލްމާ އަލް-ޝިމީ އާއި އޭނާގެ ފޮޓޯގްރާފަރު، ހޮސަމް މުހައްމަދު ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ ޓޫރިޒަމް އަދި އެންޓިކުއިޓީސް މިނިސްޓްރީން އެ ފޮޓޯތައް އަދަބީ މިންގަނޑުތަކާ ހިލާފުކަމަށް ކަނޑައެޅުމުންނެވެ.

ހައްޔަރު ކުރުމުގެ ކުރިން އަލް-ޝިމީ ވަނީ އެ ފޮޓޯ ޝޫޓުގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެ ފޮޓޯކުން ފެންނަ ގޮތުގައި އޭނާ ހުންނަނީ މިސްރުގެ ގައުމީ ހެދުން ދައްކުވައިދޭ ގޮތަށް ހުރި ހެދުމެއް ލައިގެން ޕިރަމިޑްގެ ކުރިމަތީގައި ހުއްޓިލައިގެންނެވެ.

ސީބީއެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންޓިކުއިޓީސް ސުޕްރީމް ކައުންސިލް ސެކްރެޓަރީ ޖެނެރަލް، މޮސްތަފާ ވަޒީރީ ވަނީ މި މައްސލަ ތަހުގީގު ކުރުމަށް ޕަބްލިކް ޕްރޮސެކިއުޓާސް އާ ހަވާލުކޮށްފަ އެވެ.

ވަޒީރީއާ ހަވާލާދީ މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން މިސްރުގެ ހަޟާރާތާއި ސަގާފަތަށް ހުތުރުވާ އަމަލުތައް ކުރާ މީހުންނަށް އަދަބުދޭނެ އެވެ.

ނަމަވެސް ހައްޔަރުކުރި ދެ މީހުން ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފަ އެވެ.

މިސްރުގެ އާސާރީ އާކިއޮލޮޖިކަލް ސައިޓް ތަކުގައި ވިޔަފާރި ބޭނުމަށް ފޮޓޯ ނެގުމުގެ ކުރިން މިނިސްޓްރީ އިން ހުއްދަ ހޯދަން ޖެހެ އެވެ.

އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޔަރުކުރި ދެމީހުން ވަނީ އެ ޕިރަމިޑް ބަލަހައްޓާ މީހުންނާ ވާހަކަ ދައްކައި، 15 މިނެޓަށް ފޮޓޯ ނެގުމުގެ އެއްބަސްވުމަކަށް އައިސްފަ އެވެ.

ފަހަކަށް އައިސް މިސްރުގައި ވަނީ ސޯޝަލް މީޑިއާގައި އޮފެންސިވް ކޮންޓެންޓް ޕޯސްޓުކުރާ މީހުން ޖަލަށްލާން ފަށާފަ އެވެ.

އެގޮތުން މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި، އަދަބީ މިންގަނޑުތަކާ ހިލާފު ވީޑިއޯލި ކަމަށް ބުނެ ސޯޝަލް މީޑިއާ ހަ އިންފްލުއެންސަރުން ވަނީ ޖަލަށްލާފަ އެވެ.

އޭގެ ތެރޭގައި ހިމެނޭ އުމުރުން 20 އަހަރުގެ ކޮލެޖު ދަރިވަރެއް ކަމަށްވާ ހަނީން ހޮސަމް ޖަލަށްލާފައި ވަނީ ވީޑިއޯގެ ޒަރިއްޔާއިން އޮންލައިންކޮށް ހިލޭ ފިރިހެނުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރާ އެޕްލިކޭޝަނެއް ޕްރޮމޯޓު ކުރި ކަމަށް ބުނެ އެވެ.