ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަކީ 2003 ވަނަ އަހަރުން ފެށިގެން އޭނާގެ ރީތިކަމާއި ހުނަރުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.
ހަމައެހެންމެ އިންސާނުންގެ ގައިގައި ހުންނަ ރީތިކަމާއި އުނި ސިފަތަކަކީ އެކަމަށް ލަދު ގަންނަން ޖެހޭ ކަންކަމެއް ނޫން ކަމުގައި ގޮވާލާ އެއްތަރިއެއްގެ ގޮތުގައި ޕްރިޔަންކާ ހިމެނެ އެވެ.
މި މޭރުމުން ވާހަކަދައްކަމުން ޕްރިޔަންކާ ވަނީ އޭނާގެ ހަށިގަނޑުގައިވާ އުނިކަމެއްގެ ވާހަކަ ދައްކާފަ އެވެ.
އެގޮތުން ޕްރިޔަންކާ ހެދި ނޭފަތުގެ ސާޖަރީގެ ވާހަކަ އާންމުންނާއި ހިއްސާކުރަމުން އޭނާ ވަނީ ސާޖަރީ ގޯސްވީ ޑޮކްޓަރުންގެ ފަރުވާކުޑަވުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ. އަދި އޭގެ ސަބަބުން ޕްރިޔަންކާގެ މުޅި ސޫރަ ފެންނަ ގޮތް އެއްކޮށް ބަދަލުވިކަމަށް އޭނާ ބުނެފައިވެ އެވެ.
ޕްރިޔަންކާ އިތުރަށް ބުނީ، އެކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހުނީ އޭނާ ކަމަށެވެ. އަދި އާންމުން އޭނާއަށް "ޕްލާސްޓިކް ޗޯޕްރާ"ގެ ނަމުން ވެސް މުހާތަބުކޮށްފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭގެ އިތުރުން ވެސް ޕްރިޔަންކާއަށް ނޭވާލުވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުނު ކަން އޭނާ ފާހަގަކޮށްފައިވެ އެވެ.
އާންމުންގެ ފަރާތުން އޭނާއަށް އެކިކަހަލަ ހަނގާކުރުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް އެކަމާއި ދެކޮޅަށް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި، އެފަދަ ބަސްތައް އޭނާއަށް އަމާޒުވުމުން ހިތްދަތިކަން އިހުސާސްވާ ކަމަށް ވެސް ޕްރިޔަންކާ ބުނެފައިވެ އެވެ.
ޕްރިޔަންކާ ބުނިގޮތުގައި މީހަކު އެއްޗެކޭ ނުބުނާނެ ގޮތަކަށް އުޅުމަކީވެސް ވާނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިނަމަވެސް، އެކަމުން މީހުންގެ ފާޑުކިޔުންތައް އަމާޒުވާނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.