މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

މީގެކުރިން އެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26 އިން މި މަހުގެ 26 ގެ ނިޔަލަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކުރީ ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް މި މަހުގެ 15 ވަނަ ދުވަހު ގެނައި އިސްލާހާ ގުޅިގެން ކަމަށެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައި ވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1000 ގޯއްޗާއި، 4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގުޅީފަޅުންނެވެ.

ބިންވެރިޔާ ސްކީމުގެ އުސޫލުގައިވާ ގޮތުން "މާލޭގެ ރައްޔިތެއް" ކަމުގައި ބަލާނީ، އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަޖިސްޓްރީ ވެފައި ނުވާ މީހުންނެވެ. ނަމަވެސް މިނިސްޓްރީން ފަހުން ގެނައި އިސްލާހުން މާލޭގެ ރައްޔިތެއްގެ ގޮތުގައި ބަލާ މިންގަނޑަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތުން އެ މީހެއްގެ މަންމައަކީ ނުވަތަ ބައްޕައަކީ މާލޭގެ ރައްޔިތެއްގެ ކަމަށްވެފައި، ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައަޅާފައިވާ ގަވާއިދެއްގެ ސަބަބުން ނުވަތަ އުސޫލެއްގެ ސަބަބުން ކުރިން އެހެން ތަނެއްގެ ރަޖިސްޓްރީގައި ޖެހުމަށްފަހު، މިހާރު މާލޭގެ ރައްޔިތެއްގެ ގޮތުގައި މީހަކު ރަޖިސްޓްރީވެފައިވާ ނަމަ، އެފަދަ މީހުން ބަލާނީ މާލޭގެ ރައްޔިތުންގެ ގޮތުގައި ކަމަށް ފަހުން ގެނެވުނު އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ދެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ އިޢުލާން ކުރައްވައިފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ 60 މަޝްރޫއެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ފްލެޓު ދޫކުރާ "ގެދޮރުވެރިޔާ" ސްކީމާއި ގޯތިދޫކުރާ "ބިންވެރިޔާ" ސްކީމެވެ. މީ ގެ ދަށުން ގިރާވަރު ފަޅު ހިއްކައިގެން 2،000 ގޯތި އަދި ހުޅުމާލެއިން 1،000 ގޯތި މާލޭގެ ރައްޔިތުންނަށް ދޫކުރުމަށްވަނީ ނިންމައިފަ އެވެ. އަދި ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުން ވެސް މާލޭ ރައްޔިތުންނަށް 5،000 ހައުސިން ޔުނިޓް ދިނުމަށް ނިންމަވާ އިތުރު 2،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވެސް ވަނީ ނިންމާފައިވެ އެވެ.

މީގެ ތެރެއިން 2،159 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި، އަދި 2023 ވަނަ އަހަރު 2،429 ޔުނިޓު ނިމޭނެ ކަމަށާއި 2024ގެ ނިޔަލަށް 3،361 ހައުސިން ޔުނިޓުގެ މަސައްކަތް ނިމި ރައްޔިތުންނަށް އޭގެ މަންފާކުރާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.