ލ. ގަމުން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގަމު ކައުންސިލް މެންބަރަކު ވިދާޅުވީ މިއަދު އިރުއޮއްސި 6:30 ހާއިރު އެ އަންހެން މީހާ ގެއްލުނު ކަމުގެ މައުލޫމާތު ލިބުމާ އެކު އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ފުލުހުންނާއި ސިފައިންނާއި ކައުންސިލަރުންނާއި ރަށު ރައްޔިތުން ގުޅިގެން އުމުރުން 65 އަހަރުގެ އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

"ރަށުގެ ވަރަށް ގިނަ ސަރަހައްދުތަކެއް ބެލިއްޖެ. އެކަމަކު އަދިވެސް ނުފެނޭ. ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށް ދަނީ،"

ކައުންސިލުން ބުނިގޮތުގައި އެ އަންހެން މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ.

ދާދިފަހުން ގދ. ތިނަދޫން ވެސް އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދި އެވެ. ފަހުން އެ އަންހެން މީހާ ފަޅު ގެއެއްގެ ތެރެއަށް ވެއްޓިފައި ވަނިކޮށް ވަނީ ފެނިފަ އެވެ. އެ މީހާއަށް ފަރުވާދެނިކޮށް ވަނީ މަރުވެފަ އެވެ.