ރާއްޖޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ނަފްސާނީ ދުޅަހެޔޮ ކަމާއި ގުޅިގެން އިއްޔެ ބަނޑޮހުގައި ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ވޯކްޝަޕްގައި 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ވަނީ އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން މި ސަރަހައްދުތަކުގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށް ކަމަށާއި، އެ އަދަދު އެންމެ މަދީ ރާއްޖޭގައި ކަން ފާހަގަކުރައްވާފައިވެ އެވެ. އޭގެ އިތުރުން ދެކުނު އޭޝިއާގައި އެންމެ ގިނައިން އަމިއްލައަށް މަރުވާމީހުންގެ އަދަދު ގިނައީ އަވަށްޓެރި ޝްރީލަންކާގައި ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނިގޮތުގައި 2019 ވަނަ އަހަރު ރާއްޖެއިން 15 މީހަކު ރާއްޖެއިން އަމިއްލައަށް މަރުވެފައިވެ އެވެ. އެއީ 13 ފިރިހެނުންނާއި ދެ އަންހެނުންނެވެ.

ރާއްޖޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުވަމުން ދިޔަނަމަވެސް، އެ އަދަދު ދަށް ކުރުމަށް އިދާރާތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭނެކަމަށް ޑަބްލިއުއެޗްއޯގެ އޮފިޝަލުން ބުނެފައިވެ އެވެ.