ހެއްކާ ބެހޭ ގާނޫނާ ގުޅޭގޮތުން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް ގާނޫނަށް މި ހަފުތާގެ ތެރޭގައި އިސްލާހު ހުށަހަޅަން ނިންމައިފި އެވެ.

ނޫސްވެރިންގެ ކަންބޮޑުވުމަކީ ހެއްކާ ބެހޭ ގާނޫނުގައި ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާ ވާ ފަދަ ކަންކަމުގައި މަސްދަރު ހާމަކުރުން މަޖުބޫރުކޮށްފައިވާއިރު، އެކަންކަން ތަފްސީލުކޮށްދީފައިނެތުމެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާނީ ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތަކެއް އެކުލެވޭ ކުށްތައް ކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅާ އިސްލާހުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

މަސްދަރު ހާމަކުރަންޖެހޭ ޓެރަރިޒަމްގެ ކުށްތަކަކީ، ޓެރަރިޒަމްގެ ގާނޫނުގެ ދެ ވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ހެއްކާ ބެހޭ ގާނޫނުގައި ކަނޑައެޅުމަށް ވެސް ހުށަހަޅާ އިސްލާހުގައި ބަޔާންކުރުމަށް ވަނީ ނިންމައިފަ އެވެ.

މަސްދަރު ހާމަކުރަން އަމުނު ނެރެންޖެހޭނީ ކޮން ކޯޓަކުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނެތެވެ. މިހާރު ހުށަހަޅާ އިސްލާހުގައި އެފަދަ އަމުރުތައް ނެރެންޖެހޭނީ ހައިކޯޓުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެ އިސްލާހު އެކުލަވާލައިފައި ވަނީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އަދި މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އާ މަޝްވަރާކުރުމަށްފަހު އެވެ.