ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ފަތުރުވެރިންނަށް މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްގެ ގޮތުގައި ދެމިތިބެންޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ފަތުރުވެރިކަމުގެ "އެޕްރިސިއޭޝަން ރިސެޕްޝަން" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ޒަމާނުއްސުރެވެސް، ރާއްޖެއަށް ޒިޔާރަތްކުރާ މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއްކަމު ކަމަށެވެ. ހަމަ އެގޮތަށް ފަތުރުވެރިކަމުގެ އެންމެ މަތީފަންތީގެ މަންޒިލުތަކާ ރާއްޖެއިން ވާދަކުރަމުންދާއިރު ޚިދުމަތުގެ ފެންވަރު މަތިކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކޮށް ގޮނޑުދޮށްތަކާއި މޫދާ ފަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއްދޭން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފެށިގެން އައިގޮތަށް އަލިއަޅުވާލައްވައި މި ސިނާޢަތް ރާއްޖޭގައި ފެށްޓެވުމުގައި އެންމެ އިސްދަޢުރު އަދާކުރެއްވި ބޭފުޅުން އޭރު މިސިނާޢަތް ފެށްޓެވުމަށް ކުރެއްވި ބުރަބޮޑު އުދަގޫ މަސައްކަތްތައް ފާހަގަކުރައްވައި އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ސިނާޢަތް ފެށިގެން މިހާތަނަށް އައިއިރު މިސިނާޢަތުގައި މަސައްކަތްކުރި އަދި ކުރަމުންގެންދާ ފަރާތްތަކާއި އަދި އެކިގޮތްގޮތުން ސިނާއަތާ ގުޅިފައިވާ އެތައްބައެއްގެ މިންނެތް މަސައްކަތް ފާހަގަކުރައްވައި އެހުރިހާ ފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މި ޙަފްލާގައި އެމަނިކުފާނު ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ. އަދި ޙަފްލާގައި ނައިބު ރައީސް ވެސް ވަނީ ވޭތުވެދިޔަ 50 އަހަރުތެރޭ ފަތުރުވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ ޚިދުމަތްތައް ކުރެއްވި ބޭފުޅުންނަށް "އެޕްރިސިއޭޝަން އެވޯޑް" ގެ ގޮތުގައި އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
މިރޭ ބޭއްވި މި ޙަފްލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ގުޅުވައިގެން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި އެފަރާތްތަކާއި އެއްތަނަކުން ބައްދަލު ގުޅުންބަދަހިކުރުމުގެ ގޮތުން ބޭއްވި ޙަފްލާއެކެވެ.