ބޮލީވުޑްގެ މަޝްހޫރު ތަރިއެއް ކަމަށްވާ މަލާއިކާ އަރޯރާ، އޭނާގެ ކުރީގެ ފިރިމީހާ އަރްބާޒް ޚާން އަށް އަބަދުވެސް އިހްތިރާމުކޮށް، ހިތްހެޔޮ ކުރާނެކަމަށް އޭނާ ބުނެފި އެވެ.

އުމުރުން ހަގު ފިރިހެނަކާ ލޯބީގެ ގޮތުން ގުޅުމާ، ގުޅިގެން މަލާއިކާ އަށް ގިނަ ބަޔަކު ފާޑުކިޔާފައިވާއިރު، އޭނާގެ ފިރިމީހާ އަރްބާޒް ޚާންއާ ވަކި ވުމަށް ފަހު މަލާއިކާ ލޯބީގެ ގޮތުން ގުޅިފައިވަނީ އަރްޖުން ކަޕޫރުއާ އެވެ.

ހަމައެހެންމެ އަރްބާޒް ވެސް އޭގެ ފަހުން ވަނީ ޖޯޖިއާ އެޑްރެއިނީ ނަމަކަށް ކިޔާ އަންހެނަކާ ލޯބީގެ ގޮތުން ގުޅިފަ އެވެ. މަލާއިކާ އަދި އަރްބާޒްގެ ގުޅުމާ ގުޅިގެން ފޭނުން ސުވާލުކޮށްފައިވާއިރު، މަލާއިކާ ދާދި ފަހުން މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ވަނީ އެކަން އާންމުންނާއި ހިއްސާކޮށްފަ އެވެ.

އެގޮތުން މަލާއިކާ އާއި އަރްބާޒްގެ މެދުގައި މިހާރު ވަނީ މާ ރަނގަޅު، އަދި ހިތްހަމަޖެހޭ ގުޅުމެއް ކަމަށް އޭނާ ބުނެފައިވެ އެވެ. އަރްބާޒް އަކީ ވަރަށް ރަނގަޅު މީހެއްކަން ފާހަގަކޮށް މަލާއިކާ ވަނީ މީހަކު ކިތަންމެ ރަނގަޅަސް، ޒަވާޖީ ހަޔާތެއް އުޅެން ރަނގަޅު ނުވެދާނެކަން ހާމަކޮށްފަ އެވެ. އަދި އެއީ އިންސާނަކު ގޯސްވާ ސަބަބެއް ނޫން ކަމަށް ވެސް މަލާއިކާ ބުނެފައިވެ އެވެ.

މަލާއިކާ އޭނާއަށްވުރެ އުމުރުން 12 އަހަރު ހަގު އަރްޖުންއާ ލޯބީގެ ގޮތުން ގުޅިފައިވާއިރު، އެ ދެ މީހުންގެ ލޯބީގެ ވާހަކަތަކަކީ ބޮލީވުޑްގައި އާންމުކޮށް ދެކެވޭ ވާހަކަތަކެވެ.