ގަވާއިދުން ނުނެރޭ ނޫސް މަޖައްލާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދައިފި އެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ އުސޫލު އިސްލާހުކޮށް ހޯމް މިނިސްޓްރީން ވަނީ ގެޒެޓްކޮށްފަ އެވެ.

މީޑިއާ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރަނީ ރަޖިސްޓްރީކޮށްގެން ހިންގާ އޮންލައިން ނޫހާއި ނޫސް މަޖައްލާތަކާއި ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުގެ ވޯޓާއެކު އެވެ.

ކުރިން އުސޫލު އޮންނަގޮތުން ގަވާއިދުން ނުނެރުނަސް ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކަށް ވެސް ވޯޓު ލެވެ އެވެ. ރަޖިސްޓްރީކޮށްފައިވާ އޮންލައިން ނޫހާއި ނޫސް މަޖައްލާތަކުގެ އަދަދު 200 އަށް ވުރެ ގިނަ އެވެ. މި އިސްލާހާއެކު ވޯޓު ލެވޭ މީޑިއާތަކުގެ އަދަދު މަދުވާނެ އެވެ.

އުސޫލަށް ގެނައި އިސްލާހުގައި ވަނީ މީޑިއާ ކައުންސިލުގެ އިންތިޚާބަށް އިއުލާންކުރާ ތާރީޚުގެ ކުރިއަށް މަދުވެގެން އެއް އަހަރުގެ މުއްދަތަށް ހަމަޖެހިފައިވާ އުސޫލުން ނެރެމުންނުދާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް އެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެއެވެ. މި އިންތިޚާބަށް އިޢުލާން ކުރާ ތާރީޚާއި އެ ތާރީޚުގެ ކުރިއަށް ހަ މަސްދުވަހާ ދެމެދުގެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް ވެސް އެ ފުރުސަތެއް ނޯވެއެވެ.

މީގެ އިތުރަށް އެ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕީއެސްއެމްގެ މީޑިއާތައް ފިޔަވައި ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މުވައްސަސާތަކުގެ މަސްއޫލުވެރިކަމުގެ ދަށުގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓަރުން ހިމެނެއެވެ.

އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތް ހިމެނޭ ވަގުތީ ލިސްޓު އިންތިޚާބު ބާއްވާ ދުވަހުގެ މަދުވެގެން 18 ދުވަސް ކުރިން އިޢުލާންކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 24 ގަޑިއިރުގެ މުއްދަތެއް ލިބޭނެ ކަމަށްވެސް އެ އިސްލާހުގައިވެ އެވެ. ހަމައެހެންމެ ހުށަހަޅާ ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު، އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ މަދުވެގެން 15 ދުވަސް ކުރިން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީކުރާ ފަރާތްތައް ހިމެނޭ ދާއިމީ ލިސްޓެއް އިއުލާން ކުރަންވާނެ ކަމަށްވެސް އިސްލާހުގައިވެއެވެ.

އޮންލައިން މީޑިއާތަށް ރެގިއުލޭޓް ކުރުމުގެ ބާރު ދީފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލުގައި ޖުމްލަ އަށް މެމްބަރުން ތިބޭއިރު މެމްބަރުންގެ ދައުރު ހަމަވާނީ ކޮންމެ ދެ އަހަރަކުންނެވެ. އެންމެ ފަހުން އެ ކައުންސިލަށް މެމްބަރުން އައްޔަންކުރީ 2020 ވަނަ އަހަރުއެވެ. އެ ކައުންސިލްގެ މި ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުއެވެ.