މެމްބަރުން މަސްތުގެ ހާލަތުގައި ތިބެ މަޖިލީހަށް ވަޑައިގަންނަވާކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ތުހުމަތު ކުރައްވައިފި އެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ޝަރީފް ވިދާޅުވީ މަޖިލީހަކީ ބިނާކުރެވޭ ހިޔާލު ފާޅުކުރެވޭ އަދި ގައުމަށް ދިމާވާ ބޮޑެތި މައްސަަލަކުގައި ވާހަކަ ދައްކައި މަޝްވަރާކޮށްގެން ހައްލު ހޯދައިދޭން ޖެހޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ. ހަމަ އެހެންމެ މަޖިލީހުގެ މެމްބަރުންގެ މެދުގައި އޮންނަ ޒާތީ ކަންކަމާއި ރުޅި އިސްކޮށް ޒުވާބުކޮށް މީހުންނަށް ހުޝާމަދު ކުރާ ތަނަކަށް ވާން ޖާގަ ދީގެން ނުވާނެކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގައި އެފަދަ ކަންކަން ހިނގަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މިހެން ވިދާޅުވުމާ އެކު ރައީސް ނަޝީދު ވަނީ ޝަރީފްގެ ވާހަކަ ހުއްޓުވާފަ އެވެ. އޭގެފަހުގައި ރައީސް ނަޝީދު ވަނީ ޝަރީފްގެ ވާހަކަތައް ފުރަތަމަ ރަނގަޅު މަގުގައި ބަހައްޓަވަން ދަންނަވާފަ އެވެ. މެންބަރު ޝަރީފް ރަނގަޅު މަގުގައި އަމަލުކުރެއްވުމުން ކަންކަން ކުރިއަށް ދާނީ ރަނގަޅު މަގުގައި ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ނަޝީދު ވިދާޅުވީ ވަރަށް ހިތާމަކުރައްވާ ފަދަ ވާހަކަފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހަކީ "ޑްރަގް އައްޑާއަކަށް" ވެގެން ނުވާނެ ކަމަށެވެ.

"މަޖިލިސް ގޯތި ތެރޭގައި ފަޅުގައި ޑްރަގް ބޮއެގެން މަސްތުގެ ހާލަތުގައި މިތަނަށް އައިސް މީހުންނާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވުމުގެ ފުރުސަތު މިތަނުގައި ދެވިގެން ނުވާނެ. މިތާންގައި އެބަޖެހޭ ބުރެތު އެނަލައިޒަރެއް ބަހައްޓަން." ޝަރީފް ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަތަކާ ގުޅިގެން ނަޝީދުވަނީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ވިދާޅުވީ އިއްޒަތްތެރި މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތުނުހިފޭ ބާވަތުގެ ވާހަކަދައްކަވަމުން ގެންދެވުން ކަމަށެވެ. "މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.