އަހަރުމެންގެ އުމުރުން 50 އަހަރުން މައްޗަށް ދާން ފެށުމާއެކު، އެ މީހުންގެ ސިއްހީ ހާލަތު ގަވާއިދުން ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ޖިސްމާނީ ގޮތުން ދުޅަހެޔޮކޮށް، ހަރަކާތްތެރިކޮށް އުޅެވުނު ނަމަވެސް، އުމުރާ ގުޅިގެންނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ބައެއް ބަލިތައް އެއްވެސް އަލާމާތެއް ނެތި ސިއްރުން ފެށިދާނެ އެވެ.
ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން ޑޮކްޓަރު ޑރ. ޝިލްޕާ ގުޕްތާ ވިދާޅުވާ ގޮތުގައި، މި އުމުރުފުރާގެ މީހުން ސަމާލުކަން ދޭންޖެހޭ މައިގަނޑު 5 ސިއްހީ މިންގަނޑެއް ވެ އެވެ.
ސަމާލުކަން ދޭންޖެހޭ 5 މިންގަނޑު
- ލޭގެ ޕްރެޝަރު: ލޭ މައްޗަށް ދިއުމަކީ ގިނަ ފަހަރު އެއްވެސް އަލާމާތެއް ނުފެނި ހުންނަ ކަމެއް ނަމަވެސް، ހާޓް އެޓޭކް، ސްޓްރޯކް އަދި ކިޑްނީގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. ގަވާއިދުން ޕްރެޝަރު ޗެކު ކުރުމުން، އަވަހަށް ފަރުވާ ފަށަން ފަސޭހަވެ އެވެ.
- ލިޕިޑް ޕްރޮފައިލް: މި ޓެސްޓުން ޖުމްލަ ކޮލެސްޓްރޯލް، އެލް.ޑީ.އެލް (ނުބައި ކޮލެސްޓްރޯލް)، އެޗް.ޑީ.އެލް (ރަނގަޅު ކޮލެސްޓްރޯލް) އަދި ޓްރައިގްލިސެރައިޑްސް ބަލާނެ އެވެ. އުމުރުން ދުވަސްވުމާއެކު ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާތީ، ކޮލެސްޓްރޯލް މިންވަރު ބެލުން މުހިންމެވެ.
- އެޗް.ބީ.އޭ.ވަން.ސީ: މިއީ ވޭތުވެދިޔަ ދެ ތިން މަހުގެ ތެރޭގައި ލޭގައި ހަކުރު ހުރި އެވްރެޖް މިންވަރު ބަލާ ޓެސްޓެކެވެ. މީގެ ސަބަބުން ހަކުރުބަލި ޖެހުމުގެ ކުރިން އެކަން ދެނެގަނެ، ފިޔަވަޅު އެޅުމަށް މަގުފަހިވެ އެވެ.
- ރީނަލް ޕްރޮފައިލް: ސީރަމް ކްރިއެޓިނިން، އީ.ޖީ.އެފް.އާރު އަދި ޔޫރިން އަލްބިއުމިން ފަދަ ޓެސްޓުތަކުން ކިޑްނީގެ ސިއްހަތު ބަލާނެ އެވެ. ހަކުރުބަލި ނުވަތަ ލޭމަތިވުމުގެ ބަލި ހުންނަ މީހުންނަށް މި ޓެސްޓުތައް ވަރަށް މުހިންމެވެ.
- އުމުރާ ގުޅޭ ކެންސަރު ސްކްރީނިން: ޖިންސާއި، އާއިލާގެ ތާރީޚާއި، އެހެނިހެން ނުރައްކާތަކަށް ބަލައި، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު އަދި ރަހިމުގެ ދޮރުގެ ކެންސަރަށް ސްކްރީން ކުރުމާ ގުޅޭގޮތުން ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހެ އެވެ.
ޓެސްޓުތައް ހަދަންޖެހޭ މިންވަރާއި ދުޅަހެޔޮކޮށް ތިބުމުގެ ލަފާ
ޓެސްޓުތައް ހަދަންޖެހޭ މިންވަރު ބިނާވާނީ އެ މީހެއްގެ ސިއްހީ ތާރީހަށެވެ. އާންމު ގޮތެއްގައި ލޭގެ ޕްރެޝަރު ގަވާއިދުން ބެލުމާއި، އެޗް.ބީ.އޭ.ވަން.ސީ އަހަރަކު އެއްފަހަރު (ހަކުރުބަލި ހުންނަ ނަމަ 3 ނުވަތަ 6 މަހުން އެއްފަހަރު)، އަދި ލިޕިޑް ޕްރޮފައިލް 1 ނުވަތަ 2 އަހަރުން އެއްފަހަރު ހެދުމަށް ޑޮކްޓަރު ލަފާދެއްވަ އެވެ.
އުމުރުން ދުވަސްވާ ވަރަކަށް ދުޅަހެޔޮކޮށް ތިބުމަށްޓަކައި، ހަފުތާއަކު މަދުވެގެން 150 މިނެޓު މެދުމިނުގެ ކަސްރަތު ކުރުމާއި، ފައިބަރު އަދި ޕްރޮޓީން ގިނަ ކާނާ ކެއުމާއި، ދުވާލަކު 7 އިން 8 ގަޑިއިރު ނިދުމަށް މާހިރުން ލަފާދެއްވަ އެވެ. އެއާއެކު ޑޮކްޓަރުގެ ލަފައާ ނުލައި ބޭސްތައް ހުއްޓާނުލުމަށް ވެސް ޑޮކްޓަރުން އިރުޝާދު ދެއްވަ އެވެ.
މާލޭގެ މެޖޯރިޓީ ވެސް ފައްޔާޒުގެ ޓީމުން ނަގައިފި
ޕާކިސްތާނުގެ ޑްރާމާއާއެކު ނެޓްފްލިކްސްއަށް އިންޑިއާގެ އިންޒާރެއް!
އެމްޑީޕީގެ ޒުވާނުންގެ ރައީސަކަށް އައިކް، އަންހެނުންގެ ރޫހަށް ޒާޔާ