މޯލްޑިވްސް މީޑީއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވާގޮތުން މީޑިއާ ކައުންސިލުގެ ހިނގަމުންދާ ދައުރުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރެއްގެ މުއްދަތު މި އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެ އެވެ.

އެ ކައުންސިލަށް ހޯދަން އިއުލާނުކޮށްފައިވަނީ މީޑިއާ ތަމްސީލުކުރާ ހަތް މެންބަރުންނާއި އާންމު ހަ މެންބަރުންނެވެ. މީޑިއާ ތަމްސީލުކުރާ ހަތް ގޮނޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ބޭފުޅުންނެވެ. އެމްއެމްސީގެ މެންބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ.

ގަވައިދު ބުނާގޮތުން އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.

މިނިސްޓްރީން ބުނީ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ބޭފުޅުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެ ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލްކުރަން ޖެހޭނެކަމަށެވެ.