ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އިން އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުންގެންދާ 'ޕިންކް ރިބަން ރަން-ވޯކް' އަށް ބޭންކް އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

'ޕިންކް ރިބަން ރަން-ވޯކް' މިއަދު ހުޅުމާލޭގެ އިތުރުން 33 ރަށެއްގައި ބޭއްވުނެވެ.

ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ މަސައްކަތަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ބޭންކުން ވަނީ އެ ޖަމިއްޔާއަށް 150،000 ރުފިޔާ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ބޭންކުން ވަނީ އެ ޖަމިއްޔާއިން ފާފު އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިންގ ޕްރޮގްރާމަށްވެސް ބޭންކުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ޕާރޓްނާޝިޕް ގެ ދަށުން ސީއެސްއެމް އިން ވަނީ ބީއެމްއެލް ގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފައެވެ. 2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.