މިއަދު އަޅުގަނޑުމެން އިސްކަންދޭންވީ ކެމިކަލް ދޫކޮށް ޠަބީޢީ ކާނާއިން ދަނޑުވެރިކަން ކުރަން ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް ވެސް، އަޅުގަނޑުމެން ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށެވެ.
ގައިން ގަޔަށް ނާރާ ނުރައްކާތެރި ބޮޑެތި ބަލިތައް ރާއްޖޭގައި ފެތުރޭ މިންވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުން ކަމަށާއި އެކަމުގެ ސަބަބަކީ އަޅުގަނޑުމެންގެ ކާބޯތަކެތީގައި އެކުލެވޭ ކެމިކަލް މާއްދާތައް ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
" ހަގީގީ ސަބަބު އޮތީ ހޯދަންޖެހިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ދިރާސާއެއް ރާއްޖޭގައި ހެދިފައި ނެތަސް، އެއީ ޞިއްޙަތަށް އެންމެ ރަނގަޅު ކާނާ ނޫން ކަމަށް މުޅި ދުނިޔެވެސް މިއަދު އެއްބަސްވާ ކަމަށެވެ. ކުރިއަރާފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތައް ވެސް މިއަދު އަމާޒު ހިފާފައިވަނީ އޯގަނިކް ފާމިންއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކެމިކަލްތައް ދޫކޮށް، ޠަބީޢީ ކާނާއިން ދަނޑުވެރިކަން ކުރުމަކީ އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް އިސްކަން ދޭންވީ ކަންތައް،" ރައީސް ވިދާޅުވި އެވެ.
އޯގަނިކްކޮށް ދަނޑުވެރިކަން ކުރަން ދަނޑުވެރިން ތަމްރީނުކޮށް އެކަމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަންކަމަށް އެގްރިކަލްޗަރ މިނިސްޓްރީން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން. މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 49 ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައި، ޖުމްލަ 1390 ދަނޑުވެރިން ވަނީ ތަމްރީނުކޮށްފައި،"
މިޒަމާނުގެ ދަނޑުވެރިކަމަކީ ހަމައެކަނި ބޮޑެތި ހުސްބިންތަކުގައި ކުރާ ކަމެއް ނޫން ކަމަށާއި ޓެކްނޮލޮޖީގެ ބަހުރުވައިގައި ކޮންމެ ތަނަކީ ވެސް ދަނޑުބިމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ އިމާރާތެއްގެ ފާރަކީ ވެސް ދަނޑެއް. ގޭ ފުރާޅަކީ ވެސް ދަނޑެއް. ސްކޫލްތަކާއި ޕާކްތަކަކީ ވެސް ދަނޑުބިންތައް. ސިންގަޕޫރު ފަދަ ބިން ކުޑަ ގައުމުތަކުގައި، އެކަން އެއަންނަނީ ޢަމަލީ ގޮތުން ދައްކަމުން. މިއީވެސް ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިވަމުން އަންނައިރު، އަޅުގަނޑުމެން ވިސްނުން ހިންގަން ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވި އެވެ.