ކޮލަމްބޯ (17 އޮކްޓޯބަރު) ސްރީލަންކާގައި މިހާރު ވެސް އިންތިހާބެއް ބާއްވާ ނަމަ އެކަމަށް ތައްޔާރު ކަމަށާއި އިންތިހާބުން ކާމިޔާބު ވެސް ލިބޭނެ ކަމަށް އެ ގައުމުގެ ސްރީލަންކާ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)އިން ބުނެފި އެވެ.

އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ އެސްއެލްޕީޕީގެ ލީޑަރު ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މިހެން ވިދާޅުވީ އެ ޕާޓީއިން ބާއްވަމުން އަންނަ ސިލްސިލާ އެއްވުންތަކުގެ ތެރެއިން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްތިއުފާ ދިން ސަރުކާރުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރާޖަޕަކްސަ އިތުރަށް ވިދާޅުވީ އެ ޕާޓީގެ ސަރުކާރުގައި ގޯސް ކަންތައްތަކެއް ކުރެވިފައިވާކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށާއި ކުށް ނުކުރެވޭ ސަރުކާރެއް ދުނިޔޭގެ އެއްވެސް ގައުމެއްގައި ނޯންނާނެ ކަމަށެވެ.

"މި ގައުމުގެ ބައެއް ފަރާތްތަކުން މި ޕާޓީއާ އިދިކޮޅުކަން އެނގޭ. އެހެން ނަމަވެސް މިއަދު ވެސް އާއްމު އިންތިހާބެއް ބާއްވައިފި ނަމަ މިޕާޓީއަށް ކާމިޔާބު ލިބޭނެކަން ޔަގީން" ރާޖަޕަކްސަ ވިދާޅުވި އެވެ.

މި ސިޔާސީ އެއްވުމުގައި މަހިންދަ ރާޖަޕަކްސަގެ އިތުރުން ނަމަލް ރާޖަޕަކްސަ އާއި އެސްއެލްޕީޕީގެ އިސް ބައެއް ލީޑަރުން ބައިވެރިވެ ވަޑައިގަތެވެ.

ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ ސަރުކާރުން އިސްތިއުފާ ދިނީ ސްރީލަންކާގެ އިގްތިސާދީ ހާލަތު ދަށްވެ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ފިއްތުންތަކުގެ ސަބަބުންނެވެ. -- ނިއުސް ވަޔާ