ރާއްޖޭގެ ކަނޑުގެ އެއްވެސް ސަރަހައްދެއް ދޫކޮށްލަން ނިންމާފައިނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޖަރުމަނުގައި ހުންނަ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި މިހާރު ކުރިއަށް އެ ދަނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭ މައްސަލައެކެވެ.

އެއީ މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. އެޓޭނީ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލައިގެ ސްޓޭންޑް ބަދަލުނުވާ ކަމަށެވެ.

"ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ. އެކަމަކު ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން މައްސަލަ މަޢުޟޫޢީ ގޮތުން އިޓްލޮސްއިން ބަލައި، އެ މުޢާހަދާގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައަޅާނެ،" އޭޖީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ބައިނަލްއަޤްވާމީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުޞޫލަށް ބިނާކޮށްގެން ކަމަށެވެ. އޭގެ ނަތީޖާއަކަށްވާނީ، މުޢާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ޙައްޤުތައް ލިބިގެން ދިއުން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ބަދަލުވީ އދ. ގައި ނަގާ ވޯޓިންގެ ސިޔާސަތު ކަމަށާއި ޗާގޮސް އިސްތިއުމާރުކޮށްގެން ތިބި، ތިބުމާ ދެކޮޅަށް އދ.ގައި ރާއްޖެއިން ވޯޓު ދޭނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

"މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި، އެކަން ރައީސް ސާލިހު ވަނީ ވިދާޅުވެފައި. އިޓްލޮސްގައި އޭޖީ ރިފްއަތު ފާހަގަ ކުރެއްވީ އެ ވާހަކަ. ޗާގޮސްއަކީ އެތަނުގެ އަސްލު ވަަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރޭ،" އޭޖީ އޮފީހުން ބުންޏެވެ.