އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް މި މައްސަލާގައި ރާއްޖޭގެ ފަރާތުން މަސައްކަތްކުރައްވާ ގާނޫނީ ޓީމްގެ ވެރިޔާ ޕްރޮފެސަރު ޕަޔަމް އަޚަވަން މިރޭ ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނާއި ޕަޔަމް އަޚަވަން އާ ދެ ބޭފުޅުން މިރޭ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕަޔަމް އަޚަވަން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްއަށް އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ދެ ގައުމުގެ އިގްތިސާދީ ސަރަހައްދު ފުށުއަރާ ހިސާބު ބަހާނެ ގޮތަކާ މެދުގައި ކަމަށެވެ.
އެ މައްސަލައިގައި ފުށުއަރާ ސަރަހައްދު އެއްކޮށް ރާއްޖެ އަށް ލިބެންޖެހޭނެ ކަމަށް ބައެއް މީހުންނަށް ހީވިޔަސް އެއީ ކަނޑުގެ ސަރަހައްދު ބެހުމުގައި އޮންނަ އުސޫލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ގައުމެއްގެ ވެސް އިގްތިސާދީ ހާއްސަ ސަރަހައްދު ކަމުގައި ބައިނަލްއަގުވާމީ ގޮތުން ކަނޑައަޅާފައި އޮންނަ 200 މޭލު އެއްކޮށް އެ ގައުމަކަށް ލިބެނީ އެހެން ގައުމެއްގެ އިމާ ފުށުނާރާ ގޮތަށް އޮތުމުންނެވެ.
ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ޓްރައިބިއުނަލްގައި ހިނގާ މައްސަލަ އަށް އަންނާނެ ބަދަލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކޭސް ވަރަށް ވަރުގަދަ ކަމަށެވެ. އަދި ރާއްޖޭން ޓްރައިބިއުނަލްގައި ވަކާލާތުކުރަނީ ވަރަށް ރަނގަޅަށް ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ފުޓްބޯޅަ މެޗެއްގައި އޮންނަ ގޮތަށް އެއްބަޔަކު މޮޅުވެ، އަނެއް ބަޔަކު ބަލިވާ ގޮތަށް އޮންނަ ކަމެއް ނޫން. މި ކަހަލަ މައްސަލަތަކުގައި ޓްރައިބިއުނަލުން ކޮންމެވެސް ވަރަކަށް ކޮމްޕްރަމައިޒް ކޮށްގެން ދެ ފަރާތަށް ވެސް އެ ބަޔަކު އެދޭ ގޮތަކަށް ކަންތައްތައް ކޮށްދެވޭތޯ ބަލާނެ. އެއްވެސް ބަޔަކަށް ހުރިހާ އެއްޗެއް ނުދޭނެ،" ޕަޔަމް ވިދާޅުވި އެވެ.
ޗާގޯސް އައިލޭންޑްސް ނޫނީ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެ ގައުމުގެ ތަނެއްކަމަށް އެ ގައުމުން ކުރާ ދައުވާއަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެނަމަ ދިވެހި ސަރުކާރަށް އެއްބަސް އެ ވެވެނީ ދިވެހިރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އޭނާ ތުހުމަތު ކުރެއްވީ މިކަމުގައި އިންޑިއާ އިން ރާއްޖެއަށް ނުފޫޒު ފޯރުވާ ކަމަށެވެ.