ޗާގޯސް މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް، މި ސަރުކާރަކުން މިހާތަނަށް ނިންމާފައިނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދު ކަނޑައެޅުމުގައި އޮތް، ފުށުއަރާ ސަރަޙައްދުގެ މައްސަލައަށް ޙައްލެއް ނުހޯދި އޮންނަތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށދެވެ.

ރައީސް ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރުވެސް، އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަޝްވަރާތަކެއް ކުރި ކަމަށެވެ. އަދި ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް އިމުގެ ސަރަޙައްދު، ފުށުއަރާ ސަރަޙައްދާ ދޭތެރޭގައި ގޮތެއް ހޯދުމަށްޓަކައި އިނގިރޭސިވިލާތާ އެކީގައި، 1992 ވަނަ އަހަރު މަޝްވަރާކޮށް އެއްބަސްވެފައި އެބައޮތް ކަމަށާއި އޭރު އިނގިރޭސި ސަރުކާރާ އެކުގައި އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު، ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށްފައިވެއެވެ.

"މި ދައްކަނީ ހަމަ ޗާގޯސްގެ ވާހަކަ. އަދި އޭރު އެއްބަސްވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، މޮރިޝަސްއާއި ދިވެހިރާއްޖެއާ ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި މި ސަރުކާރުން މިހާރުވެސް ދަމަހައްޓަމުން އަންނަނީ، މިކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ރާއްޖޭގެ އެންމެ މަތީ މަސްހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޗާގޯސް މައްސަލައިގައި، އެކި ސަރުކާރުތަކުން އެކި ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށައި. އެއްބަޔަކު އިނގިރޭސިވިލާތާ އެކީގައި އަދި އަނެއްބަޔަކު މޮރިޝަސްއާ އެކީ ވާހަކަ ދައްކާފައިވާ ކަމަށެވެ.

"ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައި ފުށުއަރާ މައްސަލަ ޙައްލުކުރުމަށް. އަޅުގަނޑުމެން މި މައްސަލައިގައި މަސައްކަތް ކުރަމުން މި އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި. ވަކި ސަރުކާރަކާ އެކީގައެއް ނޫން މި ވާހަކަ ދައްކަނީ. މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައިވެސް، އަޅުގަނޑުމެން މި އަންނަނީ ދިވެހިރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ޙިމާޔަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވަކި މީހެއްގެ އަމިއްލަ ބޭނުމަކަށް ނުވަތަ ސިޔާސީ މަޤްސަދެއް ހާސިލުކުރުމަށް، އަދި ކަމުގެ ހަގީގަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރަމުން ދިޔުމަކީ، ވަރަށް ދެރަ މައްސަލައެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފަތުރައިގެން، ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ، އެއަށްވުރެ މާބޮޑަށް ހިތާމަހުރި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.