އަންނަ ހޮނިހިރު ދުވަހު ބައިސްކޯފުން އިންތިޒާމްކޮށްގެން ހުޅުމާލޭ ޓްރެކް ދަނޑުގައި ބާއްވާ 'ޗަނާޗާ' މިޔުޒިކް ޝޯއަށް ބައިވެރިވުމަށް "މަނިކޭ މަގޭ ހިތޭ" ލަވައިން މަގުބޫލުކަން ހޯދި ސްރިލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ރާއްޖޭ އަތުވެއްޖެ އެވެ.
ޔޮހާނީ މިއަދު ރާއްޖެ އައިސްފައިވާއިރު، ބައިސްކޯފުން ވަނީ ވީއައިޕީ ޓިކެޓް ގަނެގެން ޔޮހާނީ އާ ބައްދަލުކޮށްލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. ވީއައިޕީ ޓިކެއްޓެއްގެ އަގަކީ 999 ރުފިޔާ އެވެ. މިއީ ވަކި އަދަދަކަށް ވިއްކާ ޓިކެޓެކެވެ.
ބައިސްކޯފުން ބުނީ ވީއައިޕީ ޓިކެޓު ގަނެގެން ޝޯ ބަލަން ދާ މީހުންނަށް ދަނޑުގައި ހާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައި އޮންނާނެ ކަމަށެވެ.
ހަވީރާއި ރޭގަނޑު ކުރިއަށް ދާ މި ބޮޑު މިޔުޒިކް ޝޯގައި ޔޮހާނީގެ ލައިވް ހުށެހެޅުން އޮންނަނީ ރޭގަނޑުގެ ބައިގަ އެވެ.
ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 4 އިން ހަވީރު 6 އަށް އަދި އެ ރޭ 8 އިން 12 އަށެވެ.
ޝޯގެ އާންމު ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ.
ހުޅުމާލެ ޓްރެކް ދަނޑުގައި ބާއްވަން ހަމަޖެހިފައިވާ މި ޝޯ އަށް ވަންނަ ފަރާތްތަކަށް ހާއްސަ ޓީޝާޓެއް ދޭން ހަމަޖެހިފަ އެވެ.
އުމުރުން 28 އަހަރުގެ ޔޮހާނީ އޭނާގެ މިއުޒިކް ކެރިއަރު ފެށީ ޔޫޓިއުބް ޕާފޯމަރެއްގެ ގޮތުގަ އެވެ.
އޭނާ އަކީ ލަންކާގެ އަންހެން ލަވަކިޔުންތެރިންގެ ތެރެއިން ފުރަތަމަ ފަހަރަށް ތިން މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބަރުން ހޯދި ލަވަކިޔުންތެރިޔާ ވެސް މެ އެވެ.
ޝޯގައި ޔޮހާނީގެ އިތުރުން ދިވެހި ނުވަ ބޭންޑެއް ހުށައެޅުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ސްކައިރޮކް
ރެވިއޯ
އިކުއޭޓިކް ވައިބް
ޓްރެފިކް ޖޭމް
އަޗޭސިއާ
ސިމްބޮލިކް ރިކޯޑްސް
ޑިޓިއުން ބޭންޑް
ފަސީ ލައިވް
ހަމްބަލް ބަކަރި
ޓިކެޓް ގަނެގެން ޝޯއަށް ވަންނަ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ލޮޓަސް ބައިކް އިން ބެނެލީ ބްރޭންޑްގެ "ޕެނެރީ" މޮޑެލްގެ ރެޓްރޯ ސްކޫޓަރު ސައިކަލެއް ލިބޭނެ އެވެ.
ޗަނާޗާއަކީ މިއުޒިކް ދުނިޔޭގެ މިހާރު ފުންނާބު އުސް ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ އިތުރުން ދިވެހި ފަންނާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް ބާއްވާ ޝޯވއެކެވެ. އަދި މިއީ އާޓިސްޓުންގެ އަމިއްލަ އުފެއްދުންތައް ދައްކާލުމަށް މަގުފަހިކޮށްދިމުގެ ބޭނުމުގައި ކޮންމެ އަހަރަކު ބާއްވަން ހުޅުވާލި ޕްލެޓްފޯމެކެވެ.