ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު ރާއްޖެއިން ބޭރަށް ފޮނުވާލަން ނިންމައިފި އެވެ.

އެކަން ހާމަވީ އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި އާއިލާއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައެވެ. ދައުލަތުގެ ފަރާތުން މިއަދު އެކަން ހާމަކުރުމުން ގާޒީ ވަނީ އޭގެކުރިން އެ މައްސަލައިގައި ގޮތެއް ނިންމާނެކަން އިއުލާން ކުރައްވާފަ އެވެ.

އެ މައްސަލައިގެ ތެރެއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ތަދައްޚުލްވެފަ އެވެ. މިއަދު ޝަރީއަތުގައި ދައުލަތުން ހާމަކުރި މައުލޫމާތުން އެނގޭގޮތުގައި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަނީ ފުލުހުން ތަހުގީގު ކުރާ އެހެން ޖިނާއީ ބޮޑު މައްސަލައަކާ ގުޅިގެންނެވެ.

އަބްދުﷲ ރަޝީދުގެ އާއިލާއިން ބުނީ އޭނާ މަރުވި ސަބަބު ސާފުކޮށް އެނގެން އޮތްއިރު، ޕޯސްޓްމޯޓަމް ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެ މައްސަލާގައި އިތުރަށް ދައުވާކުރަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ކަފުންކޮށްފައި އަވަހަށް އޭނާ ވަޅުލަން ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ނެހެދޭނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ ވިދާޅުވެފަ އެވެ.