ޑިޕްރެޝަނަކީ މުޅިމީހާގެ ދުނިޔެ ބަދަލު ކޮށްލާ ކަމަކެވެ. އަވަހަށް ސަލާމަތް ނުވެވިއްޖެނަމަ މުޅި މީހާގެ ދިރިއުޅުން އަނދިރި ކަމެއްގެ ތެރެއަށް ވައްޓާލާ ދުނިޔެ މަތިން ފޫހިކޮށްލާ ކަމެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ދުނިޔޭގައި އެކި އުމުރުފުރާ ތަކުން ޑިޕްރެޝަންގެ ޝިކާރައަށްވެފައި ގާތްގަނޑަކަށް 350 މިލިއަން މީހުން އެބައުޅެއެވެ. މީހެ ތެރެއިން ގިނައީ އަންހެނުންނެވެ. ނުވަތަ އަންހެން ކުދިންނެވެ.

ދެން އޮތް ސުވާލަކީ އަމިއްލައަށް ކުރެވޭނެ ކަމެއް އެބައޮތްތޯ އެވެ. ޖަވާބަކީ އާނއެކެވެ. ހަގީގަތުގައި މިކަމުން އަރައިގަންނަން އެންމެ މުހިއްމީ ވެސް އަމިއްލަ ހިތްވަރެވެ. ތިރީގައި މިވަނީ އަމިއްލައަށް ޑިޕްރެޝަންއާ ދުރުވުމަށް އަމިއްލައަށް ކުރެވޭނެ ބައެއް ކަންކަމެވެ.

އެހެން މީހުންނާއި ގުޅިގެން އުޅުން

ޑިޕްރެޝަންގެ ޝިކާރައަށް ވެފައިވާ މީހަކު ބޭނުންވާނީ އެހެން މީހުންނާއި އެކަހެރިވެގެން އުޅޭށެވެ. އެހެން ނަމަވެސް އެންމެ ރަގަނޅު ގޮތެއްނޫނެވެ. އެކަހެރިވެ އެކަނި އުޅުމުގެ ސަބަބުން ގިނައިން ކަންކަމާ ވިސްނި އިތުރަށް މާޔޫސްވާ ގޮތް ދިމާވެ އެވެ. މީގެ ބަދަލުގައި އެހެން މީހުންނާ ގުޅިގެން އުޅޭށެވެ. ތިމާގެ މައްސަލަތަށް އެހެން މީހުންނާއި ހިއްސާ ކުރާށެވެ.

ގަވައިދުން ކަސްރަތު ކުރުން

ކޮންމެ ދުވަހަކަވެސް ވަކި ވަގުތެއްގައި ކަސްރަތު ކުރަން އާދަ ކުރާށެވެ. މިއީ ސިކުނޑިއަށް ލުއިކޮށްދޭ ކަމެކެވެ. އަދި ހާސްވުމާއި ކަންބޮޑުވުމުން ދުރުކޮށްދޭނެ ކަމެކެވެ.

ނިދި ހަމަ ކުރުން

ހަމައަށް ނިދި ނުލިބުމަކީ ޑިޕްރެޝަން އިތުރު ވުމަށް މަގުފައިވާ ކަމެކެވެ. އެހެންކަމުން ނިދުމަށް ވަކި ގަޑިއެއް ކަނޑައަޅައި ކޮންމެ ދުވަހަކުވެސް 8 ގަޑިއިރުގެ ނިދި ހަމަކުރަން އާދަ ކުރާށެވެ.

ސިއްހަތާ މެދު ފަރުވާތެރިވުން

ޑިޕްރެޝަންގެ ސަބަބުން ކާހިތް ކެނޑި ކެއުމާ ދުރުވެވޭ ގޮތްވެ އެވެ. މިކަމުގެ ސަބަބުން އިތުރު ބަލިތަކަށް މަގުފައިވެ ސިއްހީ ދުޅަހެޔޮކަން ދަށަށްދާ ގޮތްވެ އެވެ. އެގޮތުން ކެއުމުގައި ގިނައިން ތަރުކާރީ، މެވާ ހިމަނާށެވެ. އަދި ޕްރޮޓިން، ކާބޯހައިޑްރޭޑް އަދި ވިޓަމިން ޑީ ހިމެނޭ ބާވަތްތައް ބޭނުން ކުރާށެވެ. މި މާއްދާތައް ތިމާގެ މޫޑް ރަނގަޅު ކޮށްދިނުމަށް އެހީވެދޭނެ އެވެ.