ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަގައި ނިމާލްގެ އިތުރުން ދައުވާ ކުރަން ފޮނުވާފައި ވަނީ ފެނަކައިގެ ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި މިންހާޖު ވަހީދާއި ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު ސާލިހު ނާސިރާއި ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު އަޒްލީމްގެ މައްސަލަ އެވެ.

އެ މައްސަލަ އަކީ ފެނަކައިން އުސޫލުތަކާ ޚިލާފަށް، ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ މިންވަރަށް ވުރެ އިތުރަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ.

އޭސީސީން ބުނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ފެނަކައަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކުގައި ފެނަކައަށް ވުރެ ސަޕްލަޔަރުންގެ މަސްލަހަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައި ވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީއިން ބުންޏެވެ. އަދި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވާކުރުން ލަސްވި މުއްދަތަށް ފައިސާ އުނިކުރެވޭނެ ކަމަށް އޮތް ނަމަވެސް ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނި ކުރަންޖެހޭ އަދަދަށް ވުރެ މަދުން އުނިކޮށްގެންކަން ތަހުގީގަށް އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމުގެ ސަބަބުން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނަކައިން ގެއްލިފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ނިމާލަކީ މިހާރު ކ. އަތޮޅު ކައުންސިލްގެ ރައީސެވެ.