ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ވަރުން ދަވަން ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.
އުމުރުން 35 އަހަރުގެ އެކްޓަރު ވަރުން ބައްޔަކަން ފަރުވާ ހޯދަމުން އަންނަކަން ހާމަކޮށްފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ އޭނާގެ އާ ފިލްމު "ބޭޅިޔާ" ޕްރޮމޯޝަންގެ ތެރެއިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ވަރުން ބުނީ ޑައިގްނޯޒްވެފައި ވަނީ ވެންޓިބިއުލާ ހައިޕަފަންކްޝަނަށް ކަމަށެވެ. މިއީ ކަންފަތުގެ އެތެރެއަށް ބަޔަށް ދިމާވާ މައްސަލައަކާ ގުޅިގެން މީހާގެ ބެލެންސް ގެއްލޭ ފަދަ ބައްޔެކެވެ.
މިބަލި ޖެހިފައިވާކަން އެނގުމުން ވަރަށް ކަންބޮޑުވި ކަމަށާއި އެބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ވަރުން ބުންޏެވެ.
މީގެ އިތުރުން ވަރުން ބުނެފައި ވަނީ މިބައްޔާއެކު މަސައްކަތް ކުރެވޭނެ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި އެހެން ނަމަވެސް ކުޑަ ދުވަސް ކޮޅަކަށް އެހާ ބުރަކޮށް މަސައްކަތް ނުކުރުމަށް ޑޮކްޓަރުން އެދިފައިވާ ކަމަށެވެ.
"އަހަރެން އެކަން ނެގީ ވަރަށް ޕޮޒިޓިވްކޮށް. އެހެންވެ ކަންނޭނގޭ މިހާރު އަހަންނަކީ ކުރިއަށް ވުރެ ބުރަކޮށް މަސައްކަތް ވެސް ކުރާ މީހެއް. ކޮންމެ ކަމެއް ވެސް ދިމާވީ ރަނގަޅަކަށް،" ވަރުން ބުންޏެވެ.
ވަރުން އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ދަރިއެކެވެ. އޭނަ ބޮލީވުޑަށް ނުކުތީ ކަރަން ޖޯހަރްގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިން 2012 ގަ އެވެ.
މި މަހު ރިލީޒްކުރާ "ބޭޅިޔާ" އަކީ މި އަހަރު ރިލީޒްވާ އޭނަގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ ޖޫންގައި ގެނެސްދިން "ޖުގް ޖުގް ޖިއޯ" އެވެ. އަންނަ އަހަރަށް އޮތް ވަރޫންގެ ފިލްމަކީ ޖާންވީ ކަޕޫރާ އެކީ ކުޅެފައިވާ "ބަވާލް" އެވެ.