ހިޔާ ފްލެޓްގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު އެތައް ދުވަހެއް ވަންދެން ދަތިތަކާ ކުރިމަތިލާންޖެހުނެވެ. ވޯކްވޭގައި އަޅާފައި ހުރި ގަލުގެ ސަބަބުން އެ ކުއްޖާއަށް އުނގަދޫވީ ވީލްޗެއާގައި އުޅޭތީއެވެ. އެ ގާތަކަކީ ވީލްޗެއާގައި ދުއްވަން އެހާ ފަސޭހަ ގާތަކެއް ނޫނެވެ.
ހިޔާ ޓަވަރުގެ އެޗް 11 ގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ އެ ކުއްޖާގެ މަންމަ ވަނީ ޓްވީޓްކޮށް އެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެ ޓްވީޓްގެ ސަބަބުން އެކަން އެޗްޑީސީގެ ސަމާލުކަމަށް އައެވެ.
އެޗްޑީސީން މިއަދު ވަނީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ފަށާފަ އެވެ. އެ ސަރަހައްދުގައި ހުރި ގާތަށް ނެގުމަށްފަހު ވީލް ޗެއާގައި ފަސޭހައިން ދެވޭނެ ގާތަކެއް އަޅަން ފެށި އެވެ. މިއަދުގެ ނިޔަލަށް އެކަން ނިންމުމަށް އެ ކުންފުނިން އެ މަސައްކަތް ކުރާ މުވައްޒަފުންނަށް އެންގި އެވެ.
އެޗްޑީސީއިން ބުނިގޮތުގައި އެ ކުންފުނީގެ އަމާޒަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން އުޅެވޭނެ މާހައުލެއް ގާއިމުކުރުމެވެ. އަދި މިކަަންކުރުމުގައި އާންމުންގެ ވަރަށްބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީން އެދެނީ އެފަދަ ކަންކަން އެ ކުންފުނީގެ ސަމާލުކަމަށް ގެނެސްދިނުމަށެވެ.
އެޗްޑީސީން އަވަސް ފިޔަވަޅު އެޅުމުން އެ ކުއްޖާގެ މަންމަ ހުރީ ވަރަށް އުފާވެފަ އެވެ. އެ ކުއްޖާގެ މަންމަ ވަނީ އެކަމަށްޓަކައި އެޗްޑީސީއަށް ޝުކުރު ދަންނަވާފަ އެވެ.