މާލެ މީހުންނަށް ބަހަން ނިންމާފައިވާ ގޯއްޗަށް އެދި ހުށައެޅި ފަރާތްތަކަށް އަންނަ އަހަރު މޭ މަހު ގޯތި ދޫކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މާލެ ސަރަހައްދު ގޯއްޗަށް އެދި ފޯމު ހުށައެޅި ފަރާތްތަކުގެ ފޯމުތައް ދިރާސާކޮށް ބެލުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށެވެ.

ގޯތި ދޫކުރުމުގެ ކަންކަން ބެލުމަށްޓަކައި ރައީސް ސޯލިހު ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކޮމެޓީ އެކުލަވާލެވި ނިމުމުން ގޯއްޗަށް ކުރިމަތިލާފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ގޯތި ލިބުނު ފަރާތްތައް އަންނަ އަހަރުގެ މޭއި މަހު އިއުލާނު ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ ހުޅުމާލެއިން ބިން ދޫކުރާނެ ސަރަހައްދުތައް މިހާރު ކަނޑައަޅައި ނިމިފައިވާކަމަށެވެ. ގުޅީފަޅުގެ ބިން ދޫކުރާނެ ސަރަހައްދުތައް ގުޅީފަޅުގެ ޕްލޭންގައި ކަނޑައަޅާފައި އޮތްނަމަވެސް އެތަން ހިއްކަން ނުފެށޭކަމުގެ ކަންބޮޑުވުން މިނިސްޓަރު ވަނީ ފާޅުކުރައްވާފަ އެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮގްރާމުގެ ތެރެއިން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް ދޫކުރާ ގޯއްޗާއި ފްލެޓަށް އެދިކުރިމަތިލުމަށް ސަރުކާރުން ހުޅުވާލީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ.

މިދިޔަ އޮކްޓޫބަރު 15 އަށް މުއްދަތު ހަމަވިއިރު، ފްލެޓާއި ގޯއްޗަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ގެދޮރުވެރިން ޕޯޓަލަށް ހުށަހަޅާފައިވެ އެވެ. އެގޮތުން ބިންވެރިޔާ ސްކީމަށް 15،164 ފޯމު އަދި ގެދޮރުވެރިޔާ ސްކީމަށް ޖުމްލަ 20،697 ފޯމު ހުށަހަޅާފައިވެ އެވެ.

މިނިސްޓަރު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ: މަޖްލިސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގގޯއްޗާއި ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ. މިގޮތުން 3000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު މީގެތެރެއިން 1000 ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީފަޅުންނެވެ. އަދި ހުޅުމާލެއިން 4000 ފްލެޓް ދޫކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.