ބޮލީވުޑްގެ ތަރި ރިތިކް ރޯޝަނާއި އޭނަގެ މިހާރުގެ ލޯބިވެރިޔާ ސަބާ އާޒާދު ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާއަށް ތިލަވެފައި ވަނީ މިއަހަރުގެ ކުރީކޮޅު އެވެ.
ފުރަތަމަ ވަރަށް ސިއްރުން އުޅުމަށް ފަހު ފަހުން ދެ މީހުން ވަނީ ރަސްމީކޮށް ގުޅުން އޮންނަކަން ހާމަކޮށްފައި އެވެ. އޭގެ ފަހުން އާއިލީ ބައްދަލުވުންތަކުންނާއި ޕާޓީތަކުން ރިތިކާއި ސަބާ އެއްކޮށް ފެނެ އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި އެންމެ ބޮޑަށް މީޑިއާގައި ދެކެވިފައިވާ ވާހަކަތަކުގެ ތެރޭގައި ރިތިކް އާއި ސަބާ އެއް ގެއެއްގައި ދިރިއުޅެން ފެށުމަށް ނިންމާ، އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ދެމީހުން ބަދަލު ވަނީ އިންޑިއާގެ މުމްބާއީގެ މަންނަތު ކިޔާ އިމާރާތެއްގެ އެޕާޓްމެންޓަކަށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި ވާގޮތުން އެމީހުން ކުއްޔަށް ހިފީ އެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގެ ދެ އެޕާޓްމެންޓެވެ. އަދި މިހާރު އެތަން މަރާމާތުކޮށް ޑިޒައިން ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ 100 ކްރޯޑް ރުޕީސްގެ ލަގްޒަރީ އެޕާޓްމަންޓެކެވެ.
މި ހަބަރު ދޮގުކޮށް ރިތިކް ކުރި ޓުވީޓެއްގައި ބުނީ މަޝްހޫރު މީހަކަށް ވާތީ އޭނާ އާއި ގުޅޭ މައުލޫމާތު ހޯދަން ވަރަށް ގިނަ މީހުން ޝައުގުވެރިވާނެ ކަމަށެވެ. އެކަމަކު ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށާއި ދެމީހުން އެއްކޮށް ގެއަކަށް ބަދަލުވާ ވާހަކައަކީ ދޮގެއް ކަމަށް ރިތިކް ބުނެފައިވެ އެވެ.
ރިތިކާއި ސަބާ ރައްޓެހިވެގެން އުޅޭތާ މިހާރު ދުވަސްތަކެއްވެފައިވާ އިރު،ރިތިކްގެ އާއިލާގެ ރުހުން ވެސް ސަބާ އަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ. އަނެއްކޮޅުން ރިތިކްގެ ކުރީގެ އަންހެނުން އަދި ދެ ދަރިންގެ މަންމަ ސުޒާން ޚާނަކީ ވެސް ސަބާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ މީހެކެވެ.
ކުރީގެ މަޝްހޫރު އެކްޓަރު ސަންޖޭ ޚާންގެ ދަރިފުޅު ސުޒާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އަރްސަލާން ގޯނީ ކިޔާ މާ މަޝްހޫރު ނޫން އެކްޓަރަކާ އެވެ. ރިތިކާއި ސުޒާން 2000 ވަނަ ވަނަ އަހަރު ކުރި ކައިވެނި ރޫޅައިލީ 2014 ގަ އެވެ. އެ ދެ މީހުންނަށް ލިބިފައިވާ ދަރިންނަކީ ރިހާން ރޯޝަން، 16، އާއި ރިދާން ރޯޝަން، 14، އެވެ.
ސެޕްޓެމްބަރު ރިލީޒްކުރި "ވިކްރަމް ވޭދާ" އިން ފެނިގެން ދިޔަ ރިތިކް މިހާރު އަންނަނީ ސިދާތު އާނަންދުގެ "ފައިޓާ" ޝޫޓްކުރަމުންނެވެ. އޭގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި އަނިލް ކަޕޫރް ވެސް ހިމެނެ އެވެ.