ރާއްޖޭގައި ހޭންޑް، ފުޓް އެންޑް މައުތު ބަލި ވަރަށް ބާރަށް ފެތުރެމުން ދާތީ ސަމާލުވުމަށް އެޗްޕީއޭ އިން މިއަދު އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގައި ހޭންޑް، ފުޓް އެންޑް މައުތު ބަލި ވަރަށް ހަލުވިކަމާ އެކު މި ދުވަސްވަރު ފެތުރެމުން ދާތީ އެ ބަލީގެ އަލާމަތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

ހޭންޑް، ފުޓް އެންޑް މައުތު އަކީ ކުޑަކުދިންގެ މެދުގައި ވަރަށް ބާރަށް ފެތުރޭ މޫސުމީ ބައްޔެކެވެ. ގައިންގަޔަށް އަރާ މި ބަލި ބައެއް ފަހަރު ބޮޑެތި މީހުންނަށް ވެސް ޖެހެ އެވެ.

މި ބަލީގެ އެންމެ ނުރައްކާތެރިކަމަކީ ބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު މުޅި ގަޔަށް ފެތުރުމުގެ ފުރުސަތު އޮތުމެވެ.

ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައިސްް ބޮލުގައި ރިއްސުމާއި އަތްތިލަ އާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށް ފަހު ފެން ފޮޅަކަށް ބަދަލުވުމާއި ކަރުތެރެ ފާރުވުމާއި ވަރުދެރަވުމާއި ކާ ހިތްނުވުމެވެ.

ވަކި ފަރުވާއެއް ކަނޑައެޅިފައިނުވާ މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި ހުން އައުމުން ހުމަށް ބޭސް ކެއުމާއި ބިހިތަކުގައި ކެލަމިން ލޯޝަން ނުވަތަ ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭހެއް ހޭކުން ހިމެނެ އެވެ.

ތިން ދުވަސް ތެރޭގައި ހުން ރަނގަޅު ނުވާ ނަމަ ޑޮކްޓަރަށް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.