ދޯހާ (28 ނޮވެމްބަރު) – މެޗުގެ ދެވަނަ ހާފުގައި ބްރެޒިލްގެ މިޑްފީލްޑަރު ކަސިމޭރޯ ޖެހި ހިތްގައިމު ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޖީގައި މިރޭ ސްވިޓްޒަލޭންޑް އަތުން 1-0 އިން މޮޅުވެ ބްރެޒިލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

މާ ގިނަ ހުސް ފުރުސަތުތަކެއް ނުފެނު މެޗުގެ 83 ވަނަ މިނިޓުގައި ކަސިމޭރޯ ވަނީ ސްވިޓްޒަލޭންޑް އޭރިޔާ ތެރެއިން ލިބުނު ބޯޅަ އެއް ފަހަރުން ގޯލަށް އަމާޒުކޮށްލައިފައެވެ. ކަސިމޭރޯގެ ބާރު ޝޮޓު ހުއްޓުވުމަށް ސްވިޓްޒަލޭންޑް ގޯލްކީޕަރު ޔާން ސޮމާ އަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން ވެސް މޮޅުވި ބްރެޒިލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ކެމަރޫންއާ ދެކޮޅަށް ބްރެޒިލް ކުޅޭ ގުރޫޕްގެ ފަހު މެޗު އެއްވަރުވިޔަސް، ބްރެޒިލް އަށް ގުރޫޕްގެ އެއްވަނަ ކަށަވަރުވާނެއެވެ.

މުޅި މެޗުގައި ވެސް ޑިފެންސް އަށް ސަމާލުވެގެން ކުޅުނު ސްވިޓްޒަލޭންޑަށް މުޅި މެޗުގައި ވެސް ބްރެޒިލްގެ ގޯލަށް ހަމަލާއެއް އަމާޒެއްނުކުރެވެއެވެ.

ސްވިޓްޒަލޭންޑް އިން މެޗުގައި ޕޮއިންޓެއް ހޯދާނެ ކަމަށް ވަކި ހިސާބަކުން ބެލެވުނު ނަމަވެސް، ކަސިމޭރޯގެ މޮޅު ލަނޑާއެކު ސްވިޓްޒަލޭންޑަށް މެޗުން ޕޮއިންޓެއް ހޯދުމަށް އޮތް އުންމީދު ވަނީ ގެއްލިފައެވެ.