ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅޭ ފުރަތަމަ ފިލްމު "ފައިޓާ" ގެ ރޯލަކުން ޓީވީ ސިލްސިލާތަކާއި ބައެއް ފިލްމުތައް ކުޅެފައިވާ އެކްޓަރު ކަރަން ސިންގް ގްރޯވާ ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން އާސަމްގައި ޝޫޓްކުރަން ފެށި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރްގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެ ރޯލެއް ކަރަން ކުޅޭނެ އެވެ. އޭނާ ވެސް މި ވަގުތު އާސަމްގައި ހުރިއިރު، ޑައިރެކްޓަރު ސިދާތު އާނަންދު އާއި ކާސްޓްގައި ހިމެނޭ އަކްޝޭ އޮބެރޯއީއާ އެކީ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.
ކަރަންގެ އަންހެނުން ބަތަލާ ބިޕާޝާ އަކީ ސިދާތާ އެކީ މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އެއީ ރަންބީރް ކަޕޫރް ބަތަލުގެ ރޯލު 2008 ގެ "ބަޗްނާ އޭ ހަސީނޯ" ގަ އެވެ.
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ކަރަން، 40، ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ ބިޕާޝާއާ އެކީ ކުޅުނު 2015 ގެ "އެލޯން" އިންނެވެ. އޭގެ ފަހުން އެ އަހަރުގެ "ހޭޓް ސްޓޯރީ 3" ވެސް ކަރަން ކުޅުނެވެ. އެކަމަކު ފަހަކުން އޭނަ އަށް ބޮލީވުޑަކުން މާ ރަނގަޅު ފުރުސަތުތަކެއް ނުލިބެ އެވެ.
ކަރަންއާ 2016 ގައި ކައިވެނިކުރި ފަހުން ބިޕާޝާ ވެސް ވަނީ ބޮލީވުޑް ގެއްލިފަ އެވެ. އެ ދެ މީހުންނަށް އަލަތު ދަރިފުޅު ލިބުނީ މި މަހުގެ 12 ގަ އެވެ. އެ އަންހެން ކުއްޖާގެ ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވާ އެވެ.
މިދިޔަ އަހަރު އިއުލާންކުރި މި ފިލްމަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ފިލްމެކެވެ. އަދި "ފައިޓާ" އަކީ ބޮލީވުޑްގައި ފުރަތަމަ އޭރިއަލް އެކްޝަން ތުރިލާ އެވެ.
މީގެ ވާހަކަ ބިނާކޮށްފައި އޮތީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރުންގެ ގައުމީ ހިދުމަތަށެވެ. އެހެންވެ ފައިޓަޖެޓްގެ ވަރަށް ގިނަ ހާދިސާތަކެއް ނޭވާ ހިފަހައްޓައިލަން ޖެހޭ ފަދަ ހާދިސާތަކަކާ އެކު "ފައިޓާ" ގައި ދައްކުވައި ދޭނެ އެވެ.