ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިފިއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގެންފައިވަނީ ނެދަލޭންޑުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއްގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހު، އެ ޕާރުސަލް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

މިފަހަރު އަތުލައިގަތީ 304 ގްރާމްގެ "މެފެޑްރޯން" އާއި 1034 ގްރާމްގެ "ހިރޮއިން" ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 1.34 ކިލޯ ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު، 2.05 މިލިއަން ރުފިޔާއަށް އަރައެވެ.

އަތުލައިގަތް މަސްތުވާތަކެތި އިތުރަށް ތަހުގީގުކުރުމަށް ޓަކައި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ޕޯސްޓް މެދުވެރިކޮށާއި ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފަޅާއަރަ އެވެ.