ކ. މާފުށީ ޖަލުގައި ސްކޭމް ކުރުމާއި ޓެރަރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް ސިފައިންނާއި ފުލުހުން ހިންގި އޮޕަރޭޝަނުގައި ފޯނާއި ސިމް ކާޑު އަދި މަސްތުވާތަކެތި ހޯދައިފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު ވިދާޅުވީ އިއްޔެ މެންދުރު 12 ޖެހި އިރު އޮޕަރޭޝަން ކާމިޔާބު ކަމާ އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. އެ އޮޕަރޭޝަން ކުރިއަށްދިޔައިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އޮޕަރޭޝަންގެ ތެރޭގައި ފޯން، ސިމް ކާޑު އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފަދަ މަނާ ތަކެތި ވަނީ ހޯދާފައި،" ޔުސްރީން ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.

ސްކޭމް ކޯލްތައް އެންމެ ގިނައިން ކުރަނީ މާފުށީ ޖަލުންކަން ތަހުގީގުތަކުން ވަނީ ހާމަވެފަ އެވެ. މީގެކުރިން ވެސް ވަނީ މާފުށީ ޖަލުން ޖަލަށް ވެއްދުން މަނާތަކެތި ހޯދައިފަ އެވެ.