ދޯހާ (9 ޑިސެމްބަރު) – ޕެނަލްޓީ ޖަހައިގެން މުބާރާތުގެ އެންމެ ބޮޑު އެއް ފޭވަރިޓް ކަމަށްވާ ބްރެޒިލް އަތުން 4-2 އިން މޮޅުވެ، ކްރޮއޭޝިއާ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މިރޭ ދަތުރުކޮށްފި އެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ލަނޑެއް ފެނުނީ މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެގެން ކުޅުނު އެކްސްޓްރާ ޓައިމްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ވެސް ދެ ޓީމަށް އިދިކޮޅު ޓީމުގެ ގޯލު ހުޅުވާލަން ލިބުނީ މަދު ފުރުސަތުތަކެކެވެ.
ބްރެޒިލް އިން ލީޑު ނެގީ އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފު ނިމެނިކޮށް އެ ޓީމުގެ ތަރި ނޭމާ ޖެހި މޮޅު ލަނޑުންނެވެ. ބްރެޒިލް މިޑްފީލްޑަރު ޕަކެޓާއާއެކު ހެދި "ވަން-ޓޫ" ޕާހަކުން، ޕެނަލްޓީ އޭރިޔާ ތެރެއިން ދެމިގަނެ، ކްރޮއޭޝިއާގެ ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗް ކައިރިން ނައްޓާލުމަށް ނޭމާ ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ދާގަނޑަށެވެ.
އެހެން ނަމަވެސް، ބްރެޒިލް ސިއްސުވާލުމަށް ފަހު ކްރޮއޭޝިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ފޯވަޑް ބްރޫނޯ ޕެޓްކޮވިޗް އެކްސްޓްރާ ޓައިމްގެ ދެވަނަ ހާފުގައި ޖެހި ލަނޑުންނެވެ. ޕެޓްކޮވިޗް ފޮނުވާލި ޝޮޓް ގޯލުގެ ތެރެއަށް އަމާޒުވީ ބްރެޒިލްގެ ޑިފެންޑަރު މާކީނިއޮސްގެ ފައިގައި ޖެހިފަ އެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާ އިން ވަނީ އެ ޓީމުގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ބްރެޒިލް ރޮޑްރިގޯ ފޮނުވާލި އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ލިވަކޮވިޗް ވަނީ ދިފާއުކޮށްފަ އެވެ. އަދި މާކީނިއޮސް ޖެހި ހަތަރު ވަނަ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ބްރެޒިލްގެ ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ކަސިމޭރޯ އާއި ޕެޑްރޯ ޖެހި ދެ ޕެނަލްޓީ އެވެ.
އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރި ކްރޮއޭޝިއާ ސެމީ ފައިނަލްގައި ވާދަކުރާނީ އާޖެންޓީނާ ނުވަތަ ނެދަލޭންޑްސްއާ އެވެ.