މަސައްކަތް ކުރުމުގައި ގެންގުޅޭ "8 ގަޑިއިރު ޝިފްޓް"ގެ އުސޫލުގެ ސަބަބުން ބޮޑެތި ފިލްމުތައް ގެއްލޭ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ބުނެފި އެވެ.

ކަރަން ޖޯހަރުގެ "ކޮފީ ވިތު ކަރަން" ސީޒަން 9 ގައި ވާހަކަ ދައްކަމުން އަކްޝޭ ބުނީ އޭނާ ގެންގުޅޭ 8 ގަޑިއިރުގެ މަސައްކަތު ތާވަލުގެ ސަބަބުން ބޮލީވުޑްގެ ބައެއް ބޮޑެތި ޕްރޮޑިއުސަރުން އޭނާ ފިލްމުތަކަށް ނަގަން ފަސްޖެހޭ ކަމަށެވެ.

އަކްޝޭ ބުނި ގޮތުގައި އޭނާ މަސައްކަތް ކުރަނީ އެންމެ 8 ގަޑިއިރު ކަމަށް ބުނެ އަޑުތައް ފެތުރިފައި އޮތް ނަމަވެސް، އެ ވަގުތުގެ ތެރޭގައި ވެނިޓީ ވޭނަށް ވެސް ނުގޮސް އެއްކޮށް މަސައްކަތުގައި އުޅޭ ކަމަށެވެ.

ކެމެރާގެ ކުރިމަތީގައި ތާޒާކޮށް ހުރުމަށްޓަކައި އޭނާގެ ދުވަސް ބަހާލާފައިވަނީ 8 ގަޑިއިރު މަސައްކަތަށާއި، 8 ގަޑިއިރު ނިދުމަށާއި، 2 ގަޑިއިރު ކަސްރަތުގެ އިތުރުން އާއިލާއަށް ވަގުތު ދެވޭ ގޮތަށް ކަމަށް އަކްޝޭ ބުންޏެވެ.

މި ޝޯގައި ބައިވެރިވި އެކްޓަރު ރަވީ ކިޝަން ވެސް ވަނީ އަކްޝޭގެ މަސައްކަތުގެ ސްޕީޑަށް ތައުރީފު ކޮށްފަ އެވެ. އަކްޝޭ އާންމުކޮށް 55 ދުވަހުގެ ތެރޭގައި ފިލްމެއްގެ ޝޫޓިންގް ނިންމާލާތީ ޕްރޮޑިއުސަރުންގެ ހަރަދު ކުޑަވެ، ފިލްމު ޔުނިޓުގެ 300 އާއި 400 އާ ދެމެދުގެ މުވައްޒަފުންނަށް ވަޒީފާ ލިބޭކަން ރަވީ ފާހަގަކުރި އެވެ.

އެއާއެކު އަކްޝޭ ވަނީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަން ވެސް ފިލްމެއް ނިންމަން 90 ދުވަހަށް ވުރެ ގިނަ ދުވަސް ނުނަގާ ކަމަށާއި، ޓޮމް ކްރޫޒް "މިޝަން އިމްޕޮސިބަލް" 55 ދުވަހުގެ ތެރޭގައި ނިންމާލާފައިވާކަން ފާހަގަކޮށް، އޭނާގެ މަސައްކަތުގެ ސްޕީޑް ދިފާއު ކޮށްފަ އެވެ.

މީގެ ކުރިން 2025 ވަނަ އަހަރު ބަތަލާ ދީޕިކާ ޕަޑުކޯން ވެސް 8 ގަޑިއިރުގެ ޝިފްޓަކަށް އެދުމުން "ސްޕިރިޓް" އަދި "ކަލްކީ 2898 އޭޑީ"ގެ ސީކުއެލް އިން އޭނާ ވަކި ކޮށްފައިވެ އެވެ.

އަކްޝޭ ކުމާރު ދެން އެންމެ އަވަހަށް ފެނިގެންދާނީ އަޖޭ ދޭވްގަން އާއެކު ކުޅޭ ކޮމެޑީ ފިލްމު ގޯލްމާލް 5 އިންނެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 8 ޖަނަވަރީ 2027ގަ އެވެ.