މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ (އެމްޑީޕީގެ) އިންތިޚާބު އޮންނަ ދުވަހެވެ.

ސޯޝަލް މީޑިއާއަށް ނަޒަރު ހިންގުމުން މި އިންތިޚާބަށް ކުރެވެމުންދާ ކެމްޕެއިންގެ ފޯރި އާއި ބޮޑުކަން ތަސައްވުރު ކުރެވެ އެވެ. މިއިން ޒަމާނަކު އިންތިޚާބަކާ ގުޅިގެން ވޯޓުލާ މީހުންނަށް ފޯނު ނުކުރާ ވަރަށް މިފަހަރު ފޯނުކުރެވެމުން ދެ އެވެ. ހަމަ އެގޮތަށް ވޯޓުލާ މީހުންނަށް މެސެޖު ނުކުރާ ވަރަށް މި އިންތިޚާބުގައި މީހުންނަށް މެސެޖު ކުރެވެމުން ވެސް ދެ އެވެ. މިކަމުގެ ސަބަބުން ވޯޓުލާ ބައެއް މީހުންނަށް ނުފޮރުއްޕާނަކަށް ވެއްޖެ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. އަޅުގަނޑަކީ މި އިންތިޚާބުގައި މާލެއަށް ވާދަކުރާ ކެންޑިޑޭޓަކަށް ވާތީ މާލޭން ވޯޓުލާ މީހުންގެ އުދާސްތައް ޚުދު އަޅުގަނޑަށް ވެސް ތަޖުރިބާ ކުރެވެމުން ދެ އެވެ.

"އަޅުގަނޑަކީ ބަލި މީހެއް އިނގޭތޯ. ނިދަން އުނދަގޫވޭ ތިބޭފުޅުން ތިފޮނުއްވާ އެސްއެމްއެސްތަކުން. މެންބަރުންގެ ރަޖިސްޓްރީގައި ނަން އޮތަކަސް ތިޔަދެން ބޮޑުވަރު. އަޅުގަނޑު މަރުވެގެން ޖަނާޒާއަށް ގޮވާލީމާ ތިޔައިން ބޭފުޅަކަށް އެނގޭނެބާ؟" މިއީ އެމްޑީޕީގެ މެންބަރަކަށް އަޅުގަނޑު މެސެޖުކުރުމުން ޕާޓީގެ މެންބަރަކު އޭނާގެ އިހުސާސްތައް ބަންޑުން ކުރައްވައި ރައްދުގައި ކުރެއްވި މެސެޖެވެ.

މި މެސެޖުން ކަށަވަރުވީ ކަމަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ފޯރި އާއި ކެންޑިޑޭޓުން ވޯޓު ހޯދަން ކުރަމުންދާ ބުރަ މަސައްކަތެވެ. އަދި ފަންސާހަށް ވުރެ ގިނަ ކެންޑިޑޭޓުން، ޕާޓީގެ މާލޭގެ މެންބަރުންނަށް ގުޅުމުން ބައެއް މެންބަރުންވާ އުނދަގުލާއި ތުރާލުގެ ބޮޑުކަމެވެ.

އިންތިޚާބު ކުޑަތަން ވެފައިވާއިރު، ވޯޓުލާ މީހާގެ ހިތަށް އަރާފާނެ އެއް ސުވާލަކީ "ވޯޓުދޭންވީ ކާކަށް ހެއްޔެވެ؟" މި ސުވާލުގެ ޖަވާބަކީ ތިމާ އެދޭ ނުވަތަ ތިމާ ބޭނުން ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުންނަށް ވޯޓުލުމެވެ. އެއީ ތިމާގެ އަސާސީ އަދި ފަރުދީ ހައްގެކެވެ. ތިމާ ވޯޓުލާނީ ތިމާ ބޭނުން މީހާ އަށެވެ. ތިމާ ވޯޓުލާނީ ތިމާ އެންމެ އެދޭ ކެންޑިޑޭޓަށް ނުވަތަ ކެންޑިޓޭޓުންނަށް ކަމުގައި ވިޔަސް، އެ ކަންކަމާމެދަކު ވިސްނައިލުމަކީ ރަނގަޅު ކަމެކެވެ. ތިމާ ވޯޓުދޭން ނިންމާ ނިންމުން ބިނާވާ އަސާސްތަކެއް ނުވަތަ ނުފޫޒުތަކެއްވެ އެވެ. އެއީ ބުއްދީގެ ހަމަތަކުން ނިންމާ ނިންމުމާއި ޖަޒުބާތުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމެވެ.

ބައެއް މީހުންގެ ނަޒަރުގައި ގިނަ މީހުން ވޯޓުލާން ނުވަތަ ވޯޓު ދޭން ނިންމާ ނިންމުން ބިނާވަނީ ޖަޒުބާތަށް ނުވަތަ އިހުސާސަށެވެ. މި ބަހުގެ މާނަޔަކީ ގިނަ މީހުން އެ މީހުންގެ ޖަޒުބާތަށް ބުރަވެ ތިބެ ވޯޓުލުމެވެ. ބުއްދީގެ ތަރާދުން ކިރައިގެން ގައުމަށް ނުވަތަ ޕާޓީއަށް އެންމެ ފައިދާހުރި ގޮތަށް ވޯޓުލާ މީހުންނަކީ ވެސް މަދު ބައެއް ނޫނެވެ. އެކަމަކު ގިނަ ފަހަރު ކުރި ހޯދަނީ ޖަޒުބާތެވެ.

އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާއާ ދެމެދު ބަދަލުކުރެވުނު ޚިޔާލުތަކެއްގައި އޭނާ ކެންޑިޑޭޓަށް ތާއީދުކުރަނީ އެއީ އޭނާގެ ފޭވަރިޓް ކަމަށް ވާތީ ކަން ހާމަކުރި އެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެއީ ދަރިން ތިބޭ ކޮންމެ މީހަކު ވެސް ގަޔާވާ ނުވަތަ ފޭވަރިޓް ދަރި ހުންނަ ފަދައިންނެވެ. އޭނާ ބުނިގޮތުގައި ފޭވަރިޓް ދަރިއަށް ވަނީ ކޮންމެހެން އެއީ އެންމެ ރަނގަޅު ދަރިއަށްވެގެނެއް ނޫނެވެ. އެކަން ހިނގަނީ އެ މީހާއަށް އެންމެ ގަޔާވާ ކާނާއާއި ކުލަ އެ މީހާ ކަނޑައަޅާ ފަދައިންނެވެ. އެއީ ބުއްދީގެ އަސާސްތަކަށް ރިއާޔަތްކޮށްގެން ނިންމާ ނިންމުންތަކެއް ނޫނެވެ. ބައެއް ފަހަރު އިންތިޚާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދު ކުރެވެނީ މި ދެންނެވި ގޮތަށް ވިސްނައި ފިކުރު ނުހިންގަ އެވެ.

ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނަ ފަދައިން ވޯޓުލާން ނިންމާ ނިންމުމުގައި ފައިދާ އާއި ގެއްލުން ހުރެ އެވެ. ޢިލްމީ ނަޒަރަކުން ބަލާއިރު ފައިދާ ބޮޑީ ބުއްދީގެ ތިލަފަތުން ވަޒަންކޮށްގެން ވޯޓުދިނުމެވެ. ވިސްނައި ފިކުރު ކުރުމަށްފަހު ވޯޓުދޭނެ ކެންޑިޑޭޓެއް ކަނޑައަޅާއިރު މިބަޔާންކުރާ ސުވާލުތަކަށް ޖަވާބުހޯދުމަކީ ބޭނުންތެރިކަމެކެވެ.

  1. ކެންޑިޑޭޓަކީ ކާކު ހެއްޔެވެ؟ (އޭނާގެ އަޚުލާގާއި ސުލާކާއި އޭނާ ދެމިހުންނަ އަސާސްތައް)
  2. ކެންޑިޑޭޓް ތެދުވެ ސާބިތުވަނީ ކޮން ކަމަކަށް؟ (އޭނާ ތަބާވާ އަސާސްތަކާއި ހަމަތަކާއި އުސޫލުތައް)
  3. ކެންޑިޑޭޓްގެ ޚިދުމަތް ނުވަތަ ކާމިޔާބީއަކީ ކޮބާ؟ (އޭނާގެ ރެކޯޑް، ކުރި ކަންކަމާއި ތަޖުރިބާ)
  4. ކެންޑިޑޭޓް ވައުދުވަނީ ކޮން ކަމަކަށް؟ (އޭނާގެ ސިޔާސަތުތަކާއި ކަންކަން)
  5. ކެންޑިޑޭޓަށް ފުއްދައިދެވޭނެ ހެއްޔެވެ؟ (އޭނާގެ ގާބިލުކަމާއި ތަޖުރިބާއާއި ގުޅިގެން މަސައްކަތް ކުރުން)
  6. ކެންޑިޑޭޓް ތަމްސީލުކުރަނީ ކޮން ބައެއްގެ މަސްލަހަތު؟ (ރައްޔިތުންގެ، ރަހުމަތްތެރިންގެ، އަމިއްލަ، އާއިލާގެ)
  7. ކެންޑިޑޭޓް ހޮވުމުން ނިކުންނާނެކަމަށް ބެލޭ ނަތީޖާއަކީ ކޮބާ؟ (އަދުލު އިންސާފާއި ޑިމޮކްރަސީއަށް، މުއައްސަސާއަށް ކުރާނެ އަސަރު)

ވޯޓުލުމުގައި ވިސްނާލަންޖެހޭ އެއްކަމަކީ ތިމާގެ ބުއްދިން ނުވަތަ ސިކުނޑިން ވިސްނުމެވެ. ޖަޒުބާތުގެ ތައައްސުބުން ދުރުވެ ބުއްދި އިސްކުރުމެވެ. ދިވެހިރާއްޖެއާއި އެމްޑީޕީއަށް އެންމެ ރަނގަޅުވާނެ ކެންޑިޑޭޓުކަމަށް ނުވަތަ ކެންޑިޑޭޓުންކަމަށް ތިމާއަށް ފެންނަ މީހުން ނިންމަންވީ ވިސްނުންތެރި ކަމާއެކު އެވެ. ކެންޑިޑޭޓުން ވަޒަންކުރާނީ ތިމާ އަމިއްލައަށެވެ.

މިކަމުގައި ތިމާއަށް ވުރެ ބޮޑަށް ކަންކަން އެނގޭ އަދުލުވެރި ހެޔޮލަފާ މީހުންގެ މަޝްވަރާއަކީ މުހިންމު އެއްޗެކެވެ. ޕާޓީއެއް ރައްޔިތުންގެ މެދުގައި މަގުބޫލު މުއައްސަސާއަކަށް ވަނީ ޕާޓީ ހިންގުން ހަރުދަނާ ވެގެންނެވެ. ޕާޓީ ހިންގުން ހަރުދަނާވުން ބިނާވާނީ ޕާޓީ ހިންގުމުގައި ޒިންމާވާ މެންބަރުންގެ އަމާނާތްތެރިކަމާއި ގާބިލު ކަމަށެވެ.

ޕާޓީގެ މަގުބޫލުކަން އިތުރުވާ ވަރަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެ ޕާޓީއަށް ސަރުކާރު އުފެއްދުމުގެ ފުރުސަތު ތަނަވަސްވެ އެވެ. ތިމާ ވޯޓު ދޭނީ ތިމާ އެދޭ މީހާ އަށެވެ. ތިމާ ކޮންމެ މީހަކަށް ވޯޓުލީ ކަމުގައި ވިޔަސް، މި އިންތިޚާބުން ނިކުންނަ ނަތީޖާގެ އަސަރުކުޑައެއް ނުވާނެ އެވެ. އެމްޑީޕީ އާއި ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަންވުމުގައި އެ ނަތީޖާގެ އަސަރު މުހިންމު ދައުރެއް ކުޅޭނެކަން ކަށަވަރެވެ.

އެޑިޓަރުގެ ނޯޓް: އަހުމަދު ފަޔާޒް ހަސަން އަކީ ލިޔުންތެރިއެއްގެ އިތުރަށް ދާރިސެކެވެ. އޭނާއަކީ މިފަހަރު އެމްޑީޕީގެ އިންތިޚާބުގައި މާލޭން ގައުމީ މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓެއް ވެސް މެ އެވެ.