ދޯހާ (11 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ފްރާންސް އިން ލީޑު ނެގީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އައުރެލިއެން ޗުއަމެނީ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ކޮންޓުރޯލްކޮށްލުމަށް ފަހު، ޗުއަމެނީ ތިރިތިރިން ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ރަނގާޅަށް ކުޅެ، ފުރުސަތުތަކެއް ތަނަވަސްކުރި އިންގްލެންޑް އިން ދެވަނަ ހާފުގެ ކުރީކޮޅު މެޗުގެ ނަތީޖާ އެއްވަރުކުރީ ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ އިންގްލެންޑް ބުކާޔޯ ސާކާ އަށް ޗުއަމެނީ ކުރި ފައުލަކާ ގުޅިގެންނެވެ. މި ލަނޑާއެކު ކޭން ވަނީ ގައުމީ ޓީމަށް 53 ލަނޑު ހަމަކޮށް، ވޭން ރޫނީގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

ފްރާންސް އިން ދެވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނިޓުގައި އޮލިވިއޭ ޖިރޫ ޖެހި ލަނޑުންނެވެ. އެންޓުއާން ގްރީޒްމަން ހުރަސްކޮށްލި ބޯޅަ ޖިރޫ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

މެޗުގެ ފަހު ދިހަ މިނިޓުގެ ތެރޭގައި މޭސަން މައުންޓަށް ފްރާންސްގެ ތިއޯ ހެނާންޑޭޒް ކުރި ފައުލަކާ ގުޅިގެން އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނަސް، ކޭން ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ފްރާންސްއާ ދެކޮޅަށް ނުކުންނާނީ މޮރޮކޯ އެވެ.