ޓެލްއަވީވް (17 ޑިސެމްބަރު) - ކޮވިޑް ރޯގާއަށް އުފެއްދި ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިނެއް އިޒްރާއިލުން އަންނަ ހަފްތާގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ހަވާލާދީ ނޫސްތަކުން ބުނި ގޮތުގައި ވެކްސިން އުފައްދާ ކުންފުނި ފައިޒާ އާއެކު 8 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އިޒްރޭލުން ވަނީ ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންވާ ފިނިހޫނުމިން ހުންނަ މޮބައިލް ވެކްސިނޭޝަން ޔުނިޓްތަކެއް ވެސް ހޯދާފައިކަމަށާއި މި ތަކެތި ބޭނުންކޮށްގެން ދުވާލެއްގެ މައްޗަށް 60،000 ޑޯޒް ވެކްސިން މި ކެމްޕެއިންގައި ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ވަނީ ވެކްސިން އުފައްދާ މެޑޯނާ އާއެކު ވެސް އިތުރު ހަ މިލިއަން ޑޯޒް ވެކްސިން ފޯރުކޮށް ދިނުމަށް އެއްބަސްވުމެއް ހަދާފަ އެވެ.

އިޒްރޭލުގެ މި ކެމްޕެއިންގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފަލަސްތީނުގެ ބިންތަށް ގަދަކަމުން ފޭރިގަނެ އެތަނުގައި އުޅެމުންދާ ޔަހޫދީންނަށެވެ. އެ ކެމްޕެއިންގައި ފަލަސްތީނުގެ ރައްޔަތުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ނުވެ އެވެ.

އިޒްރޭލުގެ ހެލްތް މިނިސްޓަރުގެ ނައިބު ޔޯވް ކިސްޗް ވިދާޅުވި ގޮތުގައި އިޒްރޭލުން އެދޭގޮތަށް ކަންކަން ކުރާނަމަ އަދި އިޒްރޭލަށް އިތުރަށް ވެކްސިން ލިބޭނަމަ ފަލަސްތީނު ރައްޔަތުންނަށް އެހީތެރިވުމާ މެދު ވިސްނާނެ އެވެ.

ފަލަސްތީނުގެ ރައްޔަތުންނަށް އެންމެ އަވަހަށް ވެސް ވެކްސިން ލިބޭނެކަމަށް އުންމީދު ކުރެވޭނީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ޕްރޮގްރާމްގެ ދަށުންނެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ރައްޔަތުން އަދި ވެކްސިން ބޮޑު އަގުގައި ގަންނަން ނުލިބޭ ގައުމުތަކަށް އަގުހެޔޮކޮށް ވެކްސިން ފޯރުކޮށްދިނުމެވެ.

މާހިރުން ލަފާކުރާ ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ވެކްސިން ލިބޭނީ އަދި ވަރަށް ގިނަ ދުވަހުންނެވެ.

ޑަބްލިއުއެޗްއޯއާ އެކު ވެކްސިން ފޯރުކޮށްދިނުމަށް އެއްބަސްވި ކުންފުނިތަކަށް ތަފާތު ސަބަބުތަކާހެދި ވެކްސިނަށް ހުއްދަ ހޯދިފައެއް ނުވެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ހޯދުމަށް ބޭނުންވާ ވެކްސިން ގަންނަން އެވަރަށް ފަންޑު ވެސް ލިބިފައެއް ނުވެ އެވެ.

މުއްސަނދި ގައުމުތަކާއި ބާރުގަދު ގައުމުތަކުން ދަނީ ފައިޒާ އަދި ބަޔޯ އެން ޓެކުން އުފައްދާ ވެކްސިން އެހެން ބަޔަކަށް ލިބުމުގެ ކުރިން ހޯދަމުންނެވެ.

އަންނަ އަހަރު އުފެއްދޭނެ ކަމަށް ލަފާކުރެވޭ 12 ބިލިއަން ޑޯޒްގެ ވެކްސިންގެ ތެރެއިން ނުވަ ބިލިއަން ޑޯޒް މިހާރު ވެސް ވަނީ މުއްސަނދި ގައުމުތުކުން ރިޒާވްކޮށްފަ އެވެ.

ފަލަސްތީން އަދި އިޒްރޭލުން ވެސް ވަނީ ކޮވިޑް ރޯގާ ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްކޮށް ނުކުޅެދިފަ އެވެ.

ފަލަސްތީނުގައި ކޮވިޑަށް ޕޮޒިޓިވް ވީ 118،000 މީހުންނެވެ. އަދި ކޮވިޑް ރޯގާގައި މަރުވެފައިވަނީ 1،078 މީހުންނެވެ. އިޒްރޭލުން ކޮވިޑް ރޯގާއަށް 365،000 މީހުން ފޮޒިޓިވް ވެފައިވެ އެވެ. އަދި މި ރޯގާ ޖެހިގެން މަރުވެފައިވަނީ 3،034 މީހުން ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. –އަލް އަރަބިއާ